ރެޖިސްޓްރީނުކުރާ ކާރުތައް މަގުމަތީގައި ގިނަވެ، ކަންބޮޑުވުން

ރެޖިސްޓްރީ ނުކުރާ ކާރުތައް ޕާކުކޮށްފައި ބާއްވާ މައްސަލައިގައި އާންމުންވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށާފައި -- ފޮޓޯ ރާއިފް ޔޫސުފް/ ފޭސްބުކް

ހުޅުމާލޭގައި ކާރު ޕާކުކުރަން ހުރި ޖާގަ ތަކުގައި ރެޖިސްޓްރީނުކުރާ ކާރުތައް ޕާކުކޮށްފައި ބާއްވާ މައްސަލައިގައި އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައިވަނީ ހުޅުމާލޭ ގޯޅިއެއްގައި ކާރު ޕާކުކުރުމަށް ޚާއްސަ ޖާގައިގައި ރެޖިސްޓްރީ ނުކުރާ ކާރުތައް ޕާކުކޮށްފައިވާ ފޮޓޯއެއް ހިއްސާކޮށް ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ގޮތުން، ދައުލަތަށް ކާރުގެ އަހަރީ ފީ ދައްކައި، އިންޝޫރެންސް ކުރާ މީހާގެ ކާރު ޕާކު ކުރާނެ ޖާގައެއް ނެތްއިރު، ޕާކު ކުރާ ކާރުތައް ޓޯކުރާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ރެޖިސްޓްރީ ނުކުރާ ކާރުތައް ޕާކުކޮށްފައި އޮތުމުގެ ސަބަބުން ރެޖިސްޓްރީކޮށްފައިވާ ކާރުތައް ޕާކު ކުރާނެ ޖާގަ ނެތް ކަމަށް ބުނެ، އެ ޕޯސްޓުގައި ވަނީ އެ ކަމުގެ ކަންބޮޑުވުމެވެ.

މާލެ ސަރަހައްދުގައި ހަތަރުފުރޮޅުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގެ އުސޫލު ސަރުކާރުން ހަރުކަށި ކޮށްފައިވަނީ ޕާކިންގެ މައްސަލަ ހައްލު ކުރުމަށެވެ.

ހަތަރުފުރޮޅުލީ އުޅަނދެއް ރެޖިސްޓްރީ ކުރެވެނީ، އެ އުޅަނދެއް ބާއްވާނެ ޖަރާޖެއް ވެސް އޮވެގެންނެވެ. އެ ގޮތުން، މި ކަމުގައި ތަކުލީފު ދިމާވަނީ ގަރާޖެއް ހަމަޖެއްސުމަށެވެ. ނަތީޖާއެއްގެ ގޮތުން، މާލެއަށް ގެންނަ ކާރު، ތިން ހަތަރު މަސް ވެގެންދާއިރު ވެސް، ރެޖިސްޓްރީ ނުކުރެވޭތީ މަގުމަތީގައި ބާއްވާފައި އޮންނަނީއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަަ ހައްލު ކުރުމަށް، އެ މިނިސްޓްރީން ގެންދަނީ ހަތަރު ފޮރުޅުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގެ ގަވާއިދު ތަންފީޒު ކުރަމުން ކަމަށެވެ. އަަދި، ސައްހަ ގަރާޖަކާ އެކު ރެޖިސްޓްރީކުުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށާއި މިހާރު ވެސް އުޅަނދު ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

ރަޖިސްޓްރީ ނުކުރާ ކާރުތަކެއް ހުޅުމާލޭގައި ޕާކުކޮށްފައި -- ފޮޓޯ/ ރާއިފް ޔޫސުފް

ރެޖިސްޓްރީ ނުކުރާ އުޅަނދުތައް މީގެ ކުރީން މާލޭގައި ވަރަށް ގިނައިން ބާއްވާފައި އޮވެއެވެ. އެހެން ނަމަވެސް ވެހިކަލްތަކުން ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ދަނީ ޓޯކުރަމުންވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރެޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ.

comment ކޮމެންޓް