އާ ފުލުހުންނަށް ނަވީންގެ ނަސޭހަތެއް: ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރޭ

ފުލުހުންގެ މި ފަހަރުގެ ތަމްރީނުން އެންމެ މޮޅު ސްކޮއާޑަށް ނަވީން ފިލާ ހަވާލުކޮށްދެއްވަނީ: އޭނާ ވަނީ، ފުލުހުންގެ ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައްވާފައި ---- ފޮޓޯ/ ފުލުހުން

ފުލުހުންގެ ޔުނިފޯމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް ކަމަށް ވިދާޅުވެ، އެ ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިރޭ ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

އަލަށް ތަމްރީނުވި ފުލުހުން ދަސްވެނިވުމުގެ ހަފުލާގައި ނަވީން ވިދާޅުވީ، އެ ފުލުހުން މިއަދާ ހަމައަށް ވާސިލުވީ ހުނަރުތައް ތަރައްގީކޮށް، ރިވެތި އަޚުލާގަށް ބައްޓަންކޮށްގެން ކަމަށެވެ.

އެ ފުލުހުންނަށް އިޝާރަތްކުރައްވައި ނަވީން ވިދާޅުވީ، އެ މީހުން އިޚުތިޔާރުކުރީ ފަސޭހަ މަގެއް ނޫން ކަމަށެވެ. އެއީ، ވަރަށް ބުރަ ޒިންމާތަކާއި ގުރުބާނީތައް އެކުލެވޭ މަގެއް ކަމަށް ވީ ނަމަވެސް އިޖާބަ ދެވުނީ ގައުމީ ގޮވާލުމަށް ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ނަވީން ވިދާޅުވިއެވެ.

އަލަށް މިރޭ ތަމްރީނުވި ފުލުހުން: ނަވީން ވަނީ ފުލުހުންގެ ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރަން ގޮވާލައްވާފައި ---- ފޮޓޯ/ ފުލުހުން

ފުލުހުންގެ ޔުނިފޯމުން އެ މީހުންގެ ވަޒީފާ ކޮންމެ ދުވަހަކު ހަނދާންކޮށްދޭނެކަން ފާހަގަކުރައްވައި ނަވީން ވަނީ، ފުރިހަމަ ކުރި ތަމްރީނުން އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ހަނދާންކޮއްދެއްވާފައެވެ.

މި ޔުނިފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް. މި ޔުނިފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއް. އެހެންކަމުން މި ޔުނީފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ތިޔަ ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވަންކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން

އިތުރަށް ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، މި ގައުމު ބިނާވަނީ، އަދުލުވެރި ފުލުހުންނަށް ކަމަށެވެ. އެގޮތުން، މަސައްކަތުގައި ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ހަނދާންކޮށްދެއްވައި، އޭނާ ވަނީ އެ ފަދަ ވަގުތުތަކުގައި އެއްވެސް ފުލުހަކު އެކަނިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި ސާބިތުކަން ދެއްކުމަށް އަލަށް ތަމްރީނުވި ފުލުހުންނަށް ނަވީން ވަނީ ގޮވާލައްވާފައެވެ.

އޭގެއިތުރުން، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭކަން އަބަދުވެސް ފުލުހުންގެ ހަނދާނުގައި ބެހެއްޓުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އަލަށް ތަމްރީނުވި ފުލުހުންނަށް ނަވީން އިލްތިމާސްކުރެއްވިއިރު، އެކި މަގާމުތަކުގައި ތިބި ފުލުހުންގެ ތަފާތު ބާވަތްތަކުގެ މައްސަލައްތަ ފެންމަތިވެ އެ މުއައްސަސާއަަށް ރައްޔިތުންގެ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ފުލުހުން މާރާމާރީ ހިންގުމުގެ މައްސަލަތަކެއްގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާއާއި މުދާ ގެއްލުމުގެ މައްސަލަތައް ހިމެނެއެވެ.

comment ކޮމެންޓް