އިސްރާއީލުން ޚާންޔޫނުސްގައި ތިބި 70 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ޣައްޒާ (23 ޖުލައި 2024): އިސްރާއީލުގެ ވައިގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ޣައްޒާގެ އާންމު ރައްޔިތުން އެންމެ ގިނަ އަދަދަކަށް ރެފިއުޖީންގެ ގޮތުގައި ތިބި ސަރަހައްދު ކަމަށްވާ ޚާން ޔޫނުސްއަށް އިސްރާއީލުގެ ފައިޓާޖެޓްތަކުން ގަދަފަދަ ހަމަލާތަކެއްދީ އާންމުންގެ 70 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 300 އަށް ވުރެގިނަ މީހުން ޒަޚަމުކޮށްލައިފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ސަރުކާރު ބުނާގޮތުން އިސްރާއީލުން މި ގަތުލުއާންމު ހިންގީ ކުރިން ވެސް ގަތުލުއާންމުތައް ހިންގާ ގޮތަށް ސީދާ އާންމުން މެރުމަށް ދުރާލައި ރާވައިގެންނެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ޚާން ޔޫނުސްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ބުނެ (ހަމަލާދޭނެކަމަށް ބުނެ) އެކަން އެންގިތާ 10 ވަރަކަށް މިނެޓު ތެރޭގައި އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ވަނީ ޚާން ޔޫނުސްގެ އިރުމަތީ ސަރަހައްދަށް ބޮންއަޅަން ފަށާފައެވެ. އެއަށް ފަހު ޚާން ޔޫނުސްގެ އެކި ހިސާބުތަކަށް އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ބޮމުގެ ވާރޭ ވެއްސިއެވެ.

އާންމުންނަށް އެ ސަރަހައްދުން ނުކުތުމުގެ ފުރުސަތު ވެސް ނުދީ އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން 70 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 300 އަށް ވުރެގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.

އިސްރާއީލުގެ މި ގަތުލުއާންމުގެ މަންޒަރު ދުށް އަލްޖަޒީރާގެ މުރާސިލުން ވަނީ މިއީ އިންސާނުންގެ ހިތްފަޅައިގެންދާވަރުގެ ލާއިންސާނީ މަންޒަރުތަކެއް ކަމަށް ސިފަކޮށްފައެވެ. މުޅި ސަރަހައްދުގައިވަނީ ލޭގެ ކޯރުތައް ހެދިފައި ކަމަށާއި ބޮމުގެ ސަބަބުން މަރުވެފައިވާ މީހުންގެ ގުނަވަންތައްވަނީ އެ ތަންމިތަނުގައި ބުރިބުރިވެފައި ކަމަށް އެ މުރާސިލުން ބުނެފައިވެއެވެ.

އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ހާތިން ފަލާޙީ ވިދާޅުވި ގޮތުގައި އިއްޔެ ކުއްލި ގޮތަކަށް އިސްރާއީލުން ޣައްޒާގެ ޚާން ޔޫނުސް ސަރަހައްދަށް ހަމަލާތައްދީ ޣައްޒާގެ އާންމުންގެ ގިނަ ބަޔަކު ޝަހީދުކޮށްލީ ގަތަރުގައި އިސްރާއީލާއި ހަމާސްއާ ދެމެދު އިއްޔެ އަލުން ފެށި ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކުގައި އިސްރާއީލު ބޭނުންވާ ދޫދިނުމަށް ހަމާސްއަށް މަޖްބޫރުކުރުވުމުގެ މަކަރުވެރި ބޭނުމުގައެވެ.

މި ވާހަކަތައް ކުރިއަށްދަނީ ގަތަރު މެދުވެރިއަކަށް ވެގެންނެވެ. މީގެ ކުރިން ވެސް ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ފަށާ ކޮންމެ ފަހަރަކު އިސްރާއީލުން ގަތުލުއާންމު ހިންގައި ޣައްޒާގެ އާންމުންގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ޣައްޒާގެ އަލްމަވާސީ ސަރަހައްދުގައިވާ ރެފިއުޖީ ފޭލިގެތަކަށް ހަމަލާދީ އާންމުންގެ 92 މީހުން ޝަހީދުކޮށްލި ގަތުލުއާންމު އިސްރާއީލުން ހިންގީ ވެސް ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތަކާ ދިމާކޮށެވެ.

އިސްރާއީލުން ވަނީ ނުވަ މަސް ވަންދެން ޣައްޒާގައި ހިންގާ އުދުވާނުގައި ވެސް ހަމާސްގެ މުޖާހިދުން ބަލިކުރުމުގައި މުޅިން ނާކާމިޔާބުވެފައެވެ. މި ލަދުވެތި ނާކާމިޔާބީގެ ބަދަލު އިސްރާއީލުން ހިފަނީ ޣައްޒާގެ އާންމުން މަރައިގެންނެވެ.

އަދުގެ ބައިނަލްއަގުވާމީ ނިޒާމަކީ އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ނިޒާމަކަށްވާތީ އިސްރާއީލުގެ އަނިޔާވެރިކަމާއި އަދި ޔަހޫދީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މި ނިޒާމުވަނީ މުޅިން ނުކުޅެދިފައެވެ.

comment ކޮމެންޓް