ޕޮލިސް ކޮމިޝަނަރުގެ އެންގުމެއް ކަމަށް ސިފަވާގޮތަށް، ސްކޭމް މެއިލްތަކެއް ދައުރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި، ސީޕީ ޝުޖާއު ހިމެނޭ ގޮތަށް ފުލުހުންގެ އިސް ބޭފުޅުން: ފުލުހުންގެ އެންގުމެއްކަން ސިފަވާގޮތަށް، ސްކޭމް މެއިލްތަކެއް ދައުރުކުރާތީ ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންގުމެއް ކަމަށް ސިފަވާ ގޮތަށް ސްކޭމް އީމެއިލްތައް ފޮނުވާތީ، އެކަމަށް ސަމާލުވުމަށް އެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚިދުމަތުން ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާ ގޮތަށް ބައެއް ފަރާތްތަކަށް ސްކޭމް އީމެއިލްތައް ލިބެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެފަދައިން ދައުރުކުރަމުންދާ މެއިލްތަކަކީ އެ ޚިދުމަތުން ފޮނުވަމުންދާ މެއިލްތަކެއް ނޫން ކަމަށާއި މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި ހީލަތުން ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ބޭނުން ކުރާ އުކުޅެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

އެހެންވެ، ޝިފާން ވަނީ އެފަދަ މެއިލްތަކަށް ރިޕްލައިކޮށް، މެއިލްތަކުގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށް އިލްތިމާސްކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްކޭމްގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާއިރު، އެ ފަދަ ގިނަ މައްސަލަތަކުގައި ކުރިއެރުން ނުލިބޭ ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.

https://sun.mv/194390

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވުމާ ގުޅިގެން، ކަމާގުޅުންހުރި ސަރުކާރުގެ ހުރިހާ އިދާރާއެއް ޖަވާބުދާރީ ކުރުވުމަށް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފައެވެ.

comment ކޮމެންޓް