ސްކޭމްތަކުގެ މައްސަލައިގައި ކަމާގުޅޭ ހުރިހާ އިދާރާތަކެއް ކޮމިޓީއަށް ހާޒިރުކުރަނީ

އެސްއޯއީ ކޮމިޓީ ބައްދަލުވުން -- ފޮޓޯ މަޖިލިސް

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވުމާ ގުޅިގެން، ކަމާގުޅުންހުރި ސަރުކާރުގެ ހުރިހާ އިދާރާއެއް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަަަރުންނަށް ނޭނގި، އެ މީހުންގެ އަމިއްލަ އެކައުންޓުތަކުން ފައިސާ ކެނޑެމުންދާ މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓާ ގުޅިގެން މަޝްވަރާ ކޮށްފައެވެ.

އެ ރިޕޯޓަކީ 19ވަނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މައްސަލަ ބަލައި ތައްޔާރު ކުރި ރިޕޯޓެކެވެ.

މި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ކޮމިޓީއަށް ގުޅުންހުރި އިދާރާތައް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅުއްވާފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންވަނީ ބީއެމްއެލްއާ ގުޅުންހުރި ޝަކުވާތައް ފާހަގަ ކުރައްވާފައެވެ. އެ ގޮތުން މާވަށު ދާއިރާގެ މެންބަރު އަޙުމަދު ޝާކިރު ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ބީއެމްއެލްއިން ހޮޓްލައިން ނަންބަރެއް ގާއިމްކޮށްފައިވާއިރު، އެއިން ހަމަ އެކަނި ކުރެވޭ ކަމަކީ މައްސަލަ ރެޖިސްޓާ ކުރުން އެކަނި ކަމަށެވެ.

އެ ގޮތަށް ރެޖިސްޓާކޮށްފައިވާ ސްކޭމްގެ މައްސަލަތަކުގެ ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވީ ބީއެމްއެލްގައި ސްކޭމް މައްސަލަތަކަށް ޚާއްސަ ހޮޓްލައިނަށް ހުށަހެޅިފައިވަނީ ކިތައް މައްސަލަތޯ އޮޅުންފިލުވުމަށެވެ.

ބޭންކަށް ހުށަހަޅާ މި ފަދަ މައްސަލަތައް ބެލުން އިތުރަށް ކުރިޔަށް ގެންދިއުމުގައި ވެސް ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަން މެންބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލަތަކުގައި ބީއެމްއެލުން މިހާރަށްވުރެން ބޮޑަށް އެއްބާރުލުން ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ކިނބިދޫ ދާއިރާގެ މެންބަރު އަޙުމަދު އަޝްރަގު ވިދާޅުވީ ސްކޭމްތަކުގެ މައްސަލައިގައި ވަރަށް ގިނަ ފަރާތްތަކުން ސަރުކާރަށް އިނގިލި ދިއްކުރާ ކަމަށެވެ.

އެ ގޮތުން އޭނާ ވެސް ހުށަހެޅުއްވީ ކޮމިޓީއަށް ބީއެމްއެލް ހާޒިކޮށްގެން އެ ބޭފުޅުންނާ އެކު މަޝްވަރާކުރުމަށެވެ. ބީއެމްއެލްއަކީ ރައްޔިޔުންގެ އިތުބާރު އޮތް ކުންފުންޏަކަށް ހެދޭނީ އެއިރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލައިގައި ބީއެމްއެލްގެ އިތުރުން ފުލުހުންނާއި އެމްއެމްއޭގެ އިސްވެރީން ހާޒިރުކޮށް، މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އެ ގޮތަށް ފާސްކޮށް، ކޮމިޓީން ނިންމީ އެ އިދާރާތަކަށް ސިޓީ ފޮނުވުމަށެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާއިރު، އެ ފަދަ ގިނަ މައްސަލަތަކުގައި ކުރިއެރުން ނުލިބޭ ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.

comment ކޮމެންޓް