އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ ރޭހުގައި މިހާރު ވާދަކުރައްވާނެ ކަމަށް ބެލެވޭ މިހާރުގެ ނާއިބު ރައީސް ކަމަލަ ހެރިސް ބަލިކުރަން މާ ފަސޭހަވާނެ ކަމަށް އިދިކޮޅު ރިބަޕްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕަ އެ ގޮތަށް ވިދާޅުވީ، ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާކަން އިއުލާނުކުރެއްވުމަށް ފަހު، އެމެރިކާގެ ނާއިބު ރައީސް ކަމަލަ ހެރިސްއަށް ތާއީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނުކުރެއްވިތާ ކުޑައިރުކޮޅެއް ފަހުން 'ސީއެންއެން'އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އޭގެ އިތުރުން އޭނާގެ ޓްރުތް ސޯޝަލް ނެޓްވޯކުގައި ޓްރަމްޕް ވިދާޅުވީ، ބައިޑަންއަކީ އެމެރިކާގެ ރައީސް ކަމަށް 'ފިޓް ބޭފުޅެއް ނޫން' ކަމަށެވެ.
"ބައިޑަންގެ ޑޮކްޓަރާއި މީޑިއާ ހިމެނޭ ގޮތަށް ވަށައިގެން ތިބި ހުރިހާ ބޭފުޅުންނަށް ވެސް އެގިވަޑައިގަތީ ރައީސްކަމުގެ ގާބިލުކަން ނެތްކަން. އެއީ ރައީސްކަމުގެ ގާބިލުކަން ނެތް މީހެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ހެރިސްއާ ކުރިމަތިލާން ކަންބޮޑުނުވާ ކަމަށް ޓްރަމްޕްގެ ކެމްޕޭން އެޑްވައިޒަރުންނާއި އެކުވެރިން ވެސް އަންނަނީ ބުނަމުންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް 59 އަހަރުގެ ހެރިސްއަށް އަރުވައިފި ނަމަ، އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާ ކަޅު ނަސްލަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ބައިޑަން ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވަން ނިންމެވިކަން އިއުލާނުކުރެއްވީ ރޭގެ ވަގުތެއްގައެވެ. އުމުރުން 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވާފައިވަނީ، އޭނާގެ އުމުރު މާ ދޮށިވެއްޖެ ކަމަށް ބުނެ, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލު ކުރުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.
ބައިޑެންގެ އެ ނިންމެއްވުމާ އެކު ޑިމެކްރެޓިކް ޕާޓީގެ ގިނަ މެންބަރުން ވަނީ މިހާރުން މިހާރަށް ބައިޑެން އިސްތިއުފާ ދެއްވުމަށް ވެސް ގޮވައިލައްވައިފައެވެ. ނަމަވެސް، އެކްސްގައި އާންމު ކުރެއްވި ޕޯސްޓެއްގައި ބައިޑެން ވިދާޅުވީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން ރައީސްކަމުގެ މަގާމުގައި ދެމިހުންނަވާނެ ކަމުގައެވެ. ބައިޑެން މިހާރު ހުންނެވީ ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެކަހެރިވެވަޑައިގެންނެވެ.