ކުށް ގިނަވީ ތަންފީޒީ އިދާރާތަކުގެ ފަރުވާކުޑަކަމުން: އާޒިމް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: އާދަމް އާޒިމް

ރާއްޖޭގައި ކުށް ގިނަވެ، މިހާލަތަށް ގޮސްފައި މި އޮތީ ތަންފީޒީ އިދާރާތަކުގެ ފަރުވާކުޑަކަމުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރުހަތަރެއް"ގައި މާލޭގައި ދިމާވެފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ގައުމުގައި ކުށްކުރާ މިންވަރު މި ހާލަތަށް ގޮސްފައި އޮތީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިހުމާލުން ކަމަށެވެ.

އާޒިމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހުމަށް ތަންފީޒީ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.

"ހަމަ އެ ގޮތަށް އަޅުގަނޑު ތަކުރާރުކޮށް އެދެމުންދަން ފުލުހުންގެ (އިދާރާގައި) ވެސް، ހޯމް މިނިސްޓްރީގައި ވެސް އިމިގްރޭޝަނުގައި ވެސް އަދި ތަންފީޒީ އެހެން ހުރިހާ އިދާރާއެއްގައި ވެސް، ގާނޫނު ތަންފީޒުކޮށްދެއްވާށޭ ވަކި މީހަކަށް ނުބަލައި. އެހެންވީމަ އަސްލު ގައުމު މި ހިސާބަށް އައިސްފައި މި އޮތީ ގާނޫނު ތަންފީޒު ކުރުމުގައި އަޅުގަނޑުމެންނާ ގުޅުންހުރި އެންމެންގެ ފަރުވާކުޑަކަމުން،" އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތަކާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލައެވެ.

https://sun.mv/193437

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ސެކިއުރިޓީ ކެމެރާތައް މިހާރު ބަރާބަރަށް ބަލަމުންދާނެ ކަމަށެވެ. އަދި މައްސަލައެއް ފާހަގަ ކުރެވުމާއެކު، ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިސްކިތްތަކުގައި ހިނގާ ވައްކަމުގެ މައްސަަލަތަކާއި ބޭއަދަބީ ކަންކަން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އަންނަނީ އެ ފަދަ ކަންކަން ކުރާ ފަރާތްތައް އާންމު ކުރަމުންނެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ ބަދަލުގެ ސަބަބުން މިހާރު އެ ފަދަ މައްސަލަތައް ކުރިއާ އަޅައިބަލާއިރު މަދެވެ.

https://sun.mv/193822

މުޖުތަމައުގައި މި ފަދަ ކުށްތައް ކުރާ މީހުންނަށް އަދަބުދީ، އަނިޔާކުރުމުގެ ބަދަލުގައި އެ މީހުން އަލުން މުޖުތަމައަށް ނެރެން ޖެހޭކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ގިނަ ކުށްތައް ކުރުމުގައި އުޅެނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކު ހުރިއިރު، އެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުތަކުން ހޭދަނުކުރާތީ، އާޒިމްވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ބަޖެޓު ކަނޑަނޭޅި، އެހެން އެއްވެސް ކަމަކަށް މި ގައުމުގައި ބަޖެޓު ކަނޑައެޅިގެން ނުވާނެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ވައްކަމުގެ 3،819 މައްސަލަ ހުށަހަޅައިފައިވާއިރު، މިއަހަރުގެ މިހާތަނަށް 1،991 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް