މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް މިއަހަރު ހުށަހަޅައިފި

އިސްލާމީ މަރުކަޒު: އަހަރުގެ މިހާތަނަށް މާލޭގެ 21 މިސްކިތަކުން ވައްކަންގެން ހުށަހެޅި ކަމަށް ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވޭ — ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކުރުމުގެ 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން ރޭ މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަތައް ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިފަދަ މައްސަލަތަކާ ގުޅުވައި ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ވަގަށް ނަގައިފައިވާ ހަ ފަންކާއާއި ދެ ފޯނާއި ފެންމޯޓަރެއް ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ދާދިފަހުން މިދިޔަ އާދީއްތަ ދުވަހުވެސް މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެ ކުރިންވެސް މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވެސްވަނީ ވަގަށް ނަގައިފައެވެ. އެއީ އިއްޒުއްދީން މަގު ފުޑް ކޯޓު ކައިރީ ރިންގް ރޯޑުގައި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެވެ.

ހަމަ އެ ރޭ، ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ. ވައްކަމުގެ މި ދެ މައްސަލަ ވެސް ސިޓީ ކައުންސިލުން ފުލުހަށް ހުށަހެޅިއެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން، ފުލުހުންނަށް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވައްކަމުގެ 1،677 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް