ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށް، ޔޫކޭއިން އެކަނި ވެސް އެއް ލައްކަ

ފަތުރުވެރިން ވީއައިއޭގައި: މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1.1 މިލިއަނަށް އަރައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ޖުމްލަ 1.1 މިލއިަން ފަތުރުވެރިން ރާއްޖެ އައިއިރު، އިނގިރޭސިވިލާތުން އެކަނި ވެސް އެއް ލައްކަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ޓޫރިސްޓު އެރައިވަލް ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 1.1 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެ އަދަދުތަކަށް ބަލާއިރު، މި ހިނގާ ޖުލައިމަހުގެ މިހާތަނަށް 103،349 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް 91،510 ފަތުރުވެރިން ރާއްޖެ އައިއިރު، މިއީ 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ޖުލައި މަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ ބުދަ ދުވަހުގައެވެ. އެ ދުވަހު އެކަނި ވެސް 5،886 ފަތުރުވެރިން ރާއްޖެ އައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 143،036 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 12.8 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 118،291 ފަތުރުވެރިން ރާއްޖެ އައިއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.6 އިންސައްތައެވެ. މިދިޔަ 2023ނިމުނުއިރު ވެސް، ރަޝިޔާ އޮތީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމުގެ ގޮތުގައެވެ.

އަހަރުގެ މިހާތަނަށް ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 100،313 ފަތުރުވެރިން ރާއްޖެ އައިއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ ނުވަ އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 5،539 ފަތުރުވެރިން ރާއްޖެ އާދެއެވެ. އަދި އެވަރެޖްކޮށް ކޮންމެ ފަތުރުވެރިޔަކު ވެސް ރާއްޖޭގައި ހަފުތާއެއް ހޭދަކުރާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް އަހަރަކަށްވުރެ އަހަރެއް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެެވެ. ސަރުކާރުން މި އަހަރު އަމާޒު ހިފާފާއި އޮތީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އައިއިރު، 2022ވަނަ އަހަރު ރާއްޖެ އައީ 1.6 މިލިއަން ފަތުރުވެރިންނެވެ. އެހެން ކަމުން އަހަރަކަށްވުރެ އަހަރެއް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި 182 ރިޒޯޓު އޮތްއިރު އޭގެ ތެރެއިން 174 ރިޒޯޓެއްގައި ފަތުރުވެރިންނަށް ޚިދުމަތްދެއެވެ. ރާއްޖޭގެ އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުރި 42،955 އެނދު ހިއްސާ ކުރަނީ ރިޒޯޓުތަކުންނެވެ. އެއީ 69 އިންސައްތައެވެ.

ގެސްޓްހުސްތަކުން ފަތުރުވެރިކަމުގެ 23 އިންސައްތަ ހިއްސާކުރާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި 118 ގެސްޓްހައުސް ހިންގައެވެ.

comment ކޮމެންޓް