އިސްރާއީލުގެ ހަމަލާތަކުގެ ރައްދަކީ ދިގު މުއްދަތުގެ ހަނގުރާމައެއް: ހޫޘީ ޖަމާއަތް

އިސްރާއީލުން ޔަމަނަށް ދިން ހަމަލާގައި ތެޔޮތަކެއް އަނދަނީ-- ފޮޓޯ/ އޭއެފްޕީ

ސަންއާ (21 ޖުލައި 2024): އިސްރާއީލުން ޔަމަނަށް ދިން ހަމަލާތަކުގެ ބަދަލު ހިފާނެކަމަށާއި އިސްރާއީލާ ދެކޮޅަށް ފަށާނީ ދިގު މުއްދަތުގެ ފަނާކުރަނިވި ހަނގުރާމައެއް (ވޯ އޮފް އެޓްރިޝަން) ކަމަށް ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ބުނެފިއެވެ.

ހޫޘީންގެ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގައި ޔަމަނަށް ގެއްލުންތަކެއް ލިބުނަސް ޔަމަން އޮތީ އިސްރާއީލަށް ދޫދޭގޮތަކަށް ނޫން ކަމަށެވެ. ދިގުމުއްދަތުގެ ހަނގުރާމައެއް އިސްރާއީލާއެކު ކުރާގޮތަށެވެ. އެއީ ދިގުުމުއްދަތުގެ ހަނގުރާމައަކުން އިސްރާއީލަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެތީއެވެ.

ދިގުމުއްދަތުގެ ހަނގުރާމައެއް ފަށައިފިނަމަ އިސްރާއީލަކީ އަމާންކަމާއި ރައްކާތެރިކަން ނެތް ތަނަކަށް ބަދަލުވާނެކަމަށާއި އެކަމުގެ ނަތީޖާއަކަށް ވާނީ ބޭރުގެ ކުންފުނިތައް އިސްރާއީލު ދޫކޮށް ދިޔުމާއި އިސްރާއީލަށް ބޭރުގެ އިންވެސްޓްމަންޓްތައް ނުލިބި އިގްތިސާދު ވަރަށް ބޮޑަށް ބަލިކަށި ވުންކަމަށް ޔަމަންގެ ނޫސްތައް ބުނެއެވެ.

މީގެ އިތުރުން އަމާންކަން ނެތުމުން ދުނިޔޭގެ ކަންކޮޅުތަކުން އިސްރާއީލަށް ހިޖުރަކޮށްގެން އުޅޭ ޔަހޫދީ ވަޒަންވެރިން ވެސް އެގައުމު ދޫކޮށް ދާނެކަމަށާއި މިކަން މިހާރުވެސް ވަރަށް ބޮޑަށް ހިނގަމުންދާކަން ޔަމަންގެ ނޫސްތަކުން ފާހަގަ ކުރެއެވެ.

ކާނަލް ޔަހްޔާ ސަރީއު

އިސްރާއީލުން އިއްޔެ ވަނީ ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ އަލްހުދައިދާގައިވާ ތެޔޮ ރައްކާކުރާ ޓޭންކްތަކަކަށާއި އިލެކްޓްރިކް އުފައްދާ އިންޖީނު ގެއަކަށް ބޮންއަޅައި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާގެ ސަބަބުން ބޮޑު އަލިފާންގަނޑެއް އުފެދުމާއެކު ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވި ކަމަށް ހޫޘީން ބުނެއެވެ.

ޔަމަންގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ އަލްމަސީރާއިންވަނީ ބަޔަކު މަރުވިކަމާއި އިތުރު ބަޔަކު ޒަޚަމްވިކަމާއި އަލިފާންގަނޑު ނިއްވާލިކަން ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުގެ މިޑިއާ ބުނާގޮތުން މިހަމަލާ ދީފައިވަނީ 20 ފައިޓާޖެޓްގެ ބޭނުންކޮށްގެން އެމެރިކާގެ ފަންނީ އެހީގައެވެ. ނަމަވެސް ހަމަލާ ދިނުމުގައި އެމެރިކާގެ ޖެޓެއް ބޭނުން ނުކުރެއެވެ. ހަމަލާދިން ތަނަކީ އިސްރާއީލާ ގާތްގަނޑަކަށް އެއްހާސް އައްސަތޭކަ ކިލޯމީޓަރު ދުރުގައިވާ ތަނެއް ކަމަށްވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ ބުނާގޮތުން އިސްރާއީލުން ޔަމަނަށް ހަމަލާ ދިނީ ޔަމަނުން މީގެ ދެ ދުވަސްކުރިން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުންނާއި ޔަމަނުން އެކި ފަހަރުމަތިން އިސްރާއީލަށް ދިން 200 އަށްވުރެ ގިނަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ ހުކުރު ދުވަހު ޔަމަންގެ ޙޫޘީން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދިން ހަމަލާގައި އެކަކު މަރުވެ 10 މީހުން ޒަޚަމްވެ މާއްދީ ގެއްލުންތަކެއް އިސްރާއީލަށް ލިބުނުކަމަށް ޚަބަރުތައް ބުނެއެވެ. ޔަމަނުން ފޮނުވާލި އަސްކަރީ ޑްރޯން 10 ކިލޯގެ ގޮވާ ތަކެއްޗާއެކު އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ވެއްޓިގަތީއެވެ.

މި ޑްރޯން އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ނާކާމިޔާބުވެފައެވެ. މިޑްރޯން އިސްރާއީލަށް ދިޔައީ ދެހާސް ކިލޯމީޓަރު ރާސްތާއެއްގައި ރަތްކަނޑާއި މެޑިޓަރޭނިއަން ކަނޑުވެސް ހުރަސްކޮށެވެ.

ހޫޘީން އިސްރާއީލަށް ހަމަލާދޭން ބޭނުންކުރި ޑްރޯން "ޔާފާ" ގެ އިމޭޖެއް، މިއީ ރާޑަރަށް ނާރާ ބާވަތުގެ ޑްރޯނެއްކަމަށާ އުފައްދާފައިވަނީ އީރާނުގައި ކަމަށް ބުނޭ

މިޑްރޯން ހަމަލާއާއެކު އިސްރާއީލަށް ވަނީ ސިހުން ލިބިފައެވެ. އެއީ އަރަބި މުޖާހިދުންގެ ޖަމާއަތްތަކުގެ ހަމަލާތައް ދިފާއުކުރުމުގައި އިސްރާއީލުގެ ނުކުޅެދުންތެރިކަން އިތުރަށް ހާމަވެގެން ދިޔުމާއި އިސްރާއީލުގެ އަސްކަރި ޑިޓަރެންސްގެ ބަލިކަށިކަން ދުނިޔެއަށް ހާމަވުމުންނެވެ.

އަލްޖަޒީރާ ބުނާގޮތުން މި ހަމާލާއަށް ބަދަލު ހިފުމަށްޓަކައި އިސްރާއީލުން ޔަމަންގެ ތެޔޮ ރައްކާކުރާ ތަނަކަށް ހަމަލާދިނީ އެހަމަލާގެ ސަބަބުން ބޮޑު އަލިފާންގަނޑެއް އުފެދި އެ އަލިފާންގަނޑު ފެނުމުން އަރަބި އެހެން ގައުމުތަކަށް އިސްރާއީލުގެ ގަދަފަދަކަން ދައްކާލުމުގެ ބޭނުމުގައެވެ.

އަރަބި ޖަމާއަތްތަކާއި އީރާނުގެ ހަމަލާތަކުގެ ކުރިމަތީގައި އިސްރާއީލުގެ އަސްކަރީ ބަލިކަށިކަމާއި އިސްރާއީލުގެ އަސްކަރީ ޑިޓަރެންސްގެ ބަލިކަށިކަން ފާއިތުވި އަށެއްކަ މަސް ތެރޭގައި ހާމަވެފައިވާތީ އިސްރާއީލު ދެކެ ބިރުގަންނަ އަރަބި ވެރިންނަށް އިސްރާއީލުގެ ގަދަފަދަކަން ދައްކާލުމުގެ ގޮތުންނެވެ.

އިސްރާއީލަކީ ކުޑަކުޑަ އަދި އެގައުމުގެ ބިމުގެ މިލްކިއްޔާތު ޔަގީންނުވާ އަދި އެމެރިކާގެ އެހީގައި އެމެރިކާއަށް ބަރޯސާވެގެން އުޅޭ ގައުމެކެވެ. އިސްރާއީލަކީ އެގައުމުގެ ބާރުގަދަކަން ދައްކައި އެކަމުން އަވަށްޓެރި ގައުމުތަކަށް ބިރު ދައްކައިގެން އަމާންކަން ހޯދައިގެން އުޅޭ އިސްތިއުމާރީ ގައުމެކެވެ.

ނަމަވެސް މިދިޔަ އޮކްޓޯބަރުމަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތައް ދިފާއު ނުކުރެވުމާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން މިނިވަން ނުކުރެވުމާއި އީރާނުން އިސްރާއީލަށް ދިން ހަމަލާތައް ދިފާއު ނުކުރެވުމާއި ހިޒްބުﷲ އާއި ހޫޘީންގެ ކުރިމަތީގައި އިސްރާއީލުގެ ބަލިކަށިކަން ފެނުމާއި މިހުރިހާ ކަމަކާއެކު އިސްރާއީލުގެ އަސްކަރީ ޑިޓަރެންސް ވަރަށް ބޮޑަށް ބަލިކަށިވެފައިވާ މަންޒަރުތައް ތަކުރާރުކޮށް ފެންނަމުންދާކަމަށް އަލްޖަޒީރާ ބުނެއެވެ.

މިކަމުގެ ރައްދު އިސްރާއީލުން ދެނީ ޣައްޒާގެ ނިކަމެތި އާންމުންނަށެވެ. އަދި ޔަމަނަށް ހަމަލާ ދިންއިރުވެސް ހޫޘީންގެ އަސްކަރީ ތަނަކަށް ހަމަލާދޭން ނުކެރި މަދަނީ ތަނަކަށް ހަމަލާދިނީ އިސްރާއީލުގެ ގަދަބާރު ދައްކައިގެން އާންމުން ބިރުގެންނެވުމުގެ ބޭނުމުގައި ކަމަށް އަލްޖަޒީރާގެ މުހައްލިލުން ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ހޫޘީންވަނީ މިއަދު އިސްރާއީލަށް ދުރުރާސްތާގެ ބަލިސްޓިކް މިސައިލެއް ފޮނުވާލާފައެވެ. މި މިސައިލް ވައްޓާލިކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

comment ކޮމެންޓް