ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ އީރާނުން އިސްރާއީލަށް އިންޒާރެއް

މި މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ވައިގެ ހަމަލާ --- ފޮޓޯ/އޭއެފްޕީ

އިސްރާއީލުން އީރާނުގެ އަސްކަރީ ބައެއް ތަންތަނަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ހަތަރު ސިފައިން މަރުވެ، މެދުއިރުމަތީގައި ސަރަހައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އަމިއްލަ ގައުމު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެ, އިރާނުން އިސްރާއީލަށް އިންޒާރު ދީފިއެވެ.

އިސްރާއީލު މެދުވެރިކޮށް ދެމުންގެންދާ ހަމަލާތަކުގެ ރައްދު ކަމަށް ބުނެ, އިސްރާއީލުން ވައިގެ މަގުން އީރާނަށް ހަމަލާ ދިނުމަށް ފަހު އިސްރާއީލުން ވެސް ވަނީ އިންޒާރު ދީފައެވެ.

އިސްރާއީލުން ވަނީ ހަމަލާތަކަށް ރައްދުދީފިނަމަ އީރާނުން ބޮޑު އަގެއް ދޭން ޖެހޭނެ ކަމަށް ބުނެފައެވެ.

އެމެރިކާއާއި ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުން ވަނީ އީރާނުން ހަމަނުޖެހުން އިތުރަށް ގޯސް ނުކުރުމަށް ޑިމާންޑްކޮށްފައެވެ.

އީރާނުގެ އަވައްޓެރި ގިނަ ގައުމުތަކުން ވަނީ އިސްރާއީލުގެ އެ ހަމަލާ ކުށްވެރިކޮށްފައެވެ.

އިސްރާއީލުގެ އެ ހަމަލާއާ ގުޅިގެން ދިފާއުވުމުގެ ހައްގު އޮތް ކަމަށް އީރާނުން ބުނެފައިވާއިރު، އީރާނުން ތާއީދުކުރާ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުاللهއިން ބުނީ، އިސްރާއީލުގެ އުތުރުގައި މީހުން ދިރިއުޅޭ ފަސް ސަރަހައްދަކަށް އަމާޒުކޮށްގެން ރޮކެޓް ހަމަލާއެއް ފޮނުވާފައިވާ ކަމަށެވެ.

އީރާންގެ ވަށައިގެން ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދެމުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ މިސައިލް ފެކްޓްރީތަކަށާއި ބައެއް ސަރަހައްދުތަކުގައި ހުރި އަސްކަރީ ފެސިލިޓީތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ބަދަލުހިފުން ނިމި މިޝަން ފުރިހަމަވެފައިވާ ކަމަށް ވެސް އިސްރާއީލުގެ އަސްކަރީ ތަރުޖަމާނަކު އިތުރަށް ވިދާޅުވިއެވެ.

އީރާނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިސްރާއީލުން ވަނީ ވެރިރަށް ތެހެރާން ޕްރޮވިންސްގެ ވަށައިގެންވާ އަސްކަރީ ތަންތަނާއި އެ ގައުމުގެ އެހެން ހިސާބުތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.

comment ކޮމެންޓް