ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރާ މައްސަލަ ބަލަނީ

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އެއީ ޓެކްސްއާ ގުޅޭ މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން މީރާއާ ދެކޮޅަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތާ ދެކޮޅަށް އަމިއްލަ ކުންފުނި ތަމްސީލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް މުނައްވަރެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުއެވެ.

މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ ފަރާތެއް، ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ތެރޭގައި ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތައް ދިމާވަމުންދާތީ ސަރުކާރުން ގެންދަނީ އެކަންތައްތައް ބަލަމުން ކަމަށް ހީނާ ވިދާޅުވިއެވެ.

https://sun.mv/194481

ހައި ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ އަޑުއެހުމުގައި މީރާގެ ވަކީލުން ވަނީ، މީރާ ތަމްސީލުކުރަނީ ދައުލަތް ކަމަށާއި ދައުލަތާ ދެކޮޅަށް ދައުލަތުގެ އިސް މަގާމެއްގައި ހުރި ބޭފުޅަކަށް ވަކާލާތު ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެއަށް ޖަވާބުދިނުމަށް ޝަރީއަތުން ފުރުސަތު ދިނުމާއެކު މުނައްވަރު ވިދާޅުވީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކީލެއް ތަމްސީލުކުރުމަށް އެއްވެސް ހުރަހެއް އެ މައްސަލައިގައި ނެތް ކަމަށެވެ.

އެއާއެކު ފަނޑިޔާރުން ވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މުނައްވަރު ހުންނަވައި، އެ މައްސަލައިގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް މީރާގެ ވަކީލުން ފާހަގަކުރާ ގާނޫނީ ހަމައާ ބެހޭ ގޮތުން މީރާއާ ސުވާލު ކޮށްފައެވެ.

ނަމަވެސް އެކަން އެގޮތަށް މަނާކުރާ އެފަދަ މާއްދާއެއް ގާނޫނުގައި އޮތް ކަމެއް ނުވަތަ ނެތް ކަމެއް ނޭނގޭ ކަމަށާއި އެކަމަކު، މިއީ މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް މީރާގެ ވަކީލް ވިދާޅުވިއެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.

އެ އަޑުއެހުން ނިންމާލީ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެހެން ދުވަހަކަށް އަޑުއެހުމެއް ތާވަލުކުރަން ނިންމައިފައެވެ.

comment ކޮމެންޓް