ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.
އެއީ ޓެކްސްއާ ގުޅޭ މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން މީރާއާ ދެކޮޅަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތާ ދެކޮޅަށް އަމިއްލަ ކުންފުނި ތަމްސީލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް މުނައްވަރެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އެ އަޑުއެހުމުގައި މީރާގެ ވަކީލުން ވަނީ، މީރާ ތަމްސީލުކުރަނީ ދައުލަތް ކަމަށާއި ދައުލަތާ ދެކޮޅަށް ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް އުފެދިފައިވާ ސުވާލެއް އެއީ ދައުލަތާ ދެކޮޅަށް ރިޕްރެޒެންޓު ކުރެވިދާނެތޯ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރަކަށް. އެހެންވީމަ އެކަން އަޅުގަނޑު ޝަރީއަތުގެ ސަމާލުކަމަށް ގެންނަން ބޭނުން،" މީރާގެ ވަކީލަކު ވިދާޅުވިއެވެ.
އެއަށް ޖަވާބުދިނުމަށް ޝަރީއަތުން ފުރުސަތު ދިނުމާއެކު މުނައްވަރު ވިދާޅުވީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކީލެއް ތަމްސީލުކުރުމަށް އެއްވެސް ހުރަހެއް އެ މައްސަލައިގައި ނެތް ކަމަށެވެ.
"މީރާއިން އެ ފާހަގަކުރި ފަދައިން އަޅުގަނޑަކީ މިހާރު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދާކުރަމުންދާ ފަރާތެއް. އެހެންނަމަވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކީލެއް ތަމްސީލުކުރުމަށް އެއްވެސް ހުރަހެއް މިކަމަށް އޮންނާނެ ކަމަކަށް. ސަބަބަކީ މި މައްސަލައަކީ މީރާއާ ދެކޮޅަށް ހުށަހެޅިފައި އޮތް މައްސަލައަކަށް ވެފައި، މީރާގަ އަޅުގަނޑު އަދާކުރާ މަގާމެއް ނޫނީ މި މައްސަލައާ ގުޅިގެން އަޅުގަނޑު އަދާކުރާ މަގާމެއް މިނިސްޓްރީ ތެރޭގައި ވެސް އެކަމާ ގުޅޭ ކަމެއްގައި ބައިވެރިވާ ފަރާތެއް ނޫން އަޅުގަނޑަކީ،" މުނައްވަރު ވިދާޅުވިއެވެ.
"އެހެންކަމުން ފުށުއެރުމެއް އަރާ ފަދަ ސަބަބެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަދި އެފަދަ ކަމެއް މީރާގެ ފަރާތުން ވެސް ފާހަގައެއް ނުކުރައްވާ."
އެއާއެކު ފަނޑިޔާރުން ވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މުނައްވަރު ހުންނަވައި، އެ މައްސަލައިގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް މީރާގެ ވަކީލުން ފާހަގަކުރާ ގާނޫނީ ހަމައާ ބެހޭ ގޮތުން މީރާއާ ސުވާލު ކޮށްފައެވެ.
ނަމަވެސް އެކަން އެގޮތަށް މަނާކުރާ އެފަދަ މާއްދާއެއް ގާނޫނުގައި އޮތް ކަމެއް ނުވަތަ ނެތް ކަމެއް ނޭނގޭ ކަމަށާއި އެކަމަކު، މިއީ މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް މީރާގެ ވަކީލް ވިދާޅުވިއެވެ.
"ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް އައިސްދާނެތީ އަޅުގަނޑު ޝަރީއަތުގެ ސަމާލުކަން އެ ނުކުތާ އެގޮތަށް ގެނައީ،" މީރާ ތަމްސީލުކުރި ވަކީލަކު ވިދާޅުވިއެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެހެން ދުވަހަކަށް އަޑުއެހުމެއް ތާވަލުކުރަން ނިންމައިފައެވެ.