ރައްޔިތުންގެ މެދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ތާއީދު ފަތުއަޑުކިޔާފައި އިތުރުވަމުންދާ ކަމުގެ ހެކި ރައްޔިތުން ދައްކައިދީފި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ފަސް ގޮނޑި ކާމިޔާބު ކުރުމުން އުފާ ފާޅުކުރުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒަށާއި އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ޕީއެންސީގެ މެމްބަރުންނަށް ވޯޓު ދެއްވި ރައްޔިތުންނަށް އަބްދުއްރަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ޝުކުރިއްޔާ ދިވެހި ރައްޔިތުން. ރައީސް ޑރ. މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެތެރޭގައި އިތުރުވަމުން ދާކަމުގެ ސާފު ހެކި ވޯޓުން މިއަދުވެސް ދައްކައިދީފި،" އަބްދުއްރަހީމްގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
މިއަދު ބޭއްވި ބައި އިލެކްޝަންގައި ފަސް ގޮނޑިއާއެކު ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މި އިލެކްޝަންގައި މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއަކަށް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް މިއަދު ކުރިއަށް ގެންދިޔަައެވެ.
މި ބައި އިލެކްޝަންތަކުގައި ޕީއެންސީން ވަނީ މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއާއި ކުޅުދުއްފުށީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކޮށްފައެވެ.
ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ، އެ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
ޕީއެންސީގެ މި ކާމިޔާބީ ޕާހަގަކުރުމަށް އެ ޕާޓީން ވެސް ވަނީ ގޮނޑިތައް ކާމިޔާބު ކުރި މެމްބަރުންނަށް އެކްސްގައި މަރުހަބާ ކިޔާފައެވެ.
އަދި ކެމްޕެއިންގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށާއި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ޕީއެންސީން ވަނީ ޝުކުރު އަދާކޮށްފައެވެ.