ޑެންމާކްގެ ކީޕަރު ޝުމައިކަލް ސެލްޓިކަށް ސޮއިކޮށްފި

ސްކޮޓިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ސެލްޓިކަށް ޑެންމާކް ޤައުމީ ޓީމުގެ ކެޕްޓަން ކެސްޕާ ޝުމައިކަލް ސޮއިކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޝުމައިކަލް އެ ޓީމަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޭނާ އެންމެ ފަހުން ކުޅެފައިވަނީ ބެލްޖިއަމްގެ އެންޑަލެކްޓަށެވެ. ނަމަވެސް، މިދިޔަ ސީޒަން ނިމުމާ އެކު އޭނާވަނީ އެ ކްލަބް ދޫކޮށްލާފައެވެ. އެހެންވެ، ޝުމައިކަލް ސެލްޓިކަށް ސޮއިކޮށްފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

ސެލްޓިކްގެ ގޯލް މިދިޔަ ސީޒަންގައި ބެލެހެއްޓި އިންގްލަންޑްގެ ޖޯ ހާޓްވަނީ މިދިޔަ ސީޒަނާ އެކު ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ. އުމުރުން 37 އަހަރުގެ ޝުމައިކަލްވަނީ ޑެންމާކް ޤައުމީ ޓީމަށް 105 މެޗު ކުޅެދީފައެވެ. އަދި، ނިމިދިޔަ ޔޫރޯ މުބާރާތުގައި ވާދަކުރި ޑެންމާކް ޓީމަށް އޭނާ ވަނީ ކުޅެފައެވެ.

ސެލްޓިކަށް ސޮއި ކުރުމަށް ފަހު ޝުމައިކަލް ބުނީ، ސެލްޓިކަކީ ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ނަމެއް ކަމަށެވެ.

ޝުމައިކަލް އެންމެ ބޮޑަށް ފާހަގަވީ އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ގޯލް ބެލެހެއްޓި 11 އަހަރެވެ. އަދި، އެ މުއްދަތުގައި އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނަވަނީ 2016 ވަނަ އަހަރު ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ލެސްޓާއިން ޕްރިމިއާ ލީގުގެ ތަށި އުފުލާލުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލެސްޓާގައި ޝުމައިކަލްވަނީ ސެލްޓިކްގެ މިހާރުގެ ކޯޗު ބްރެންޑަން ރޮޖާސްއާ އެކު ވެސް މަސައްކަތްކޮށްފައެވެ. އަދި، 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ރޮޖާސްގެ ކޯޗުކަމުގެ ދަށުން ލެސްޓާ ކާމިޔާބުކުރިއިރު ވެސް ޝުމައިކަލް އެ ޓީމަށް ކުޅުނެވެ.

ޝުމައިކަލް ބުނީ، ރޮޖާސްއަކީ ދުނިޔޭގެ ފެންވަރުގައި ފަހަގަކޮށްލެވޭ މޮޅު ކޯޗެއް ކަމަށެވެ. އޭނާއާ އެކު އަލުން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް