އިޓާލިއަން ސެރީއާގައި ޑާބީ ޑި އިޓާލިއާގެ ނަމުން މަޝްހޫރުވެފައިވާ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނާއި ޔުވެންޓަސްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އިންޓާއިން ކާމިޔާބުކޮށްފައިވަނީ ޔޫވޭގެ ޑެނީލޯ އިންޓާގެ މާކަސް ތުރާމަށް ކުރި ފައުލަކާ ގުޅިގެން ލިބިގެންދިޔަ ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، އިންޓާއަށް މެޗުގެ ލީޑު ނަގައިދިނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ. ނަމަވެސް، މި ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ޔޫވޭގެ ޑުސާން ވުލަހޮވިޗްވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި ދެން ފެނިގެންދިޔައީ ޔޫވޭއިން މެޗުގެ ލީޑު ނެގިތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓިމޮތީ ވެއާއެވެ.
މެޗުގައި އިންޓާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 35 ވަނަ މިނެޓުގައި ހެންރިކް މިހިތާރިއަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ކާމިޔާބުކުރިތާ ދެ މިނެޓު ފަހުން އިންޓާއަށްވަނީ މެޗުގައި ލިބިގެންދިޔަ ދެވަނަ ޕެނަލްޓީ ލިބިފައެވެ. މި ޕެނަލްޓީ ވެސް އިންޓާއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ޒިއެލިންސްކީއެވެ. މި ލަނޑާ އެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އިންޓާއިން 3-2ގެ ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުންވަނީ އެހާމެ ބަލާހިތްވާ ކުޅުމެއް ފެނިގެން ގޮސްފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ޖަހައިދިން ލަނޑުން މެޗުގައި އިންޓާއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގައި ޔޫވޭއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި ޒުވާން ފޯވަޑް ކެނަން ޔިލްޑީޒެވެ.
މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ޔިލްޑީޒްވަނީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ހާފުގައި ޔޫވޭގެ ކީޕާ މިޝޭލް ޑި ގްރެގޯރިއޯވަނީ ނިކޮލާ ބެރޭލާއާއި ފެޑެރީކޯ ޑިމާކޯ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިފާއުކޮށްފައެވެ.
މެޗު އެއްވަރުވުމުން އިންޓާ މިހާރު އޮތީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 18 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. ޔުވެންޓަސް އޮތީ 17 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ.
އެ ލީގުގައި ފިއޮރެންޓީނާއާއި އޭއެސް ރޯމާ ރޭ ބައްދަލުކުރި މެޗު 5-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފިއޮރެންޓީނާއިން ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ލޫކަސް ބެލްޓްރާން، އެޑުއާޑޯ ބޯވާ، މެޓްސް ހުމެލްސް އަދި މޮއިސް ކިއާން ދެ ލަނޑެވެ. ރޯމާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާދީފައިވަނީ މާނޫ ކޯނެވެ.
މި ކާމިޔާބީއާ އެކު ފޮއޮރެންޓީނާ ހަތަރުވަނައަށް އަރާފައިވަނީ 16 ޕޮއިންޓާ އެކުއެެވެ. ރޯމާ އޮތީ 10 ޕޮއިންޓާ އެކު 11 ވަނައިގައެވެ.