ފްރެންޗް ލީގު އާންގެ ލީލްއަށް ކުޅެމުންދިޔަ ފަރަންސޭސިވިލާތުގެ ޒުވާން ޑިފެންޑަރު ލެނީ ޔޯރޯ އިނގިރޭސި ޕްރިމިއާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ 62 މިލިއަން ޔޫރޯގެ އަގަކަށެވެ. އަދި، އިތުރު ކަންތައްތަކުގެ ގޮތުގައި އިތުރު އަށް މިލިއަން މި އަގަށް އިތުރުވުމަކީ ވެސް ކައިރި ކަމެކެވެ.
ޔޯރޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި، އިތުރު އެއް އަހަރު އިތުރުކުރުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ދެ ފަރާތަށް ލިބެއެވެ. އުމުރުން 16 އަހަރުގައި ލީލްއަށް ކުޅެންފެށި ޔޯރޯ ހޯދުމަށް ރެއާލް މެޑްރިޑާއި ޕެރިސް ސެއިންޓް ޖާމެއިނުންވަނީ މަސައްކަތްކޮށްފައެވެ. އަދި، ލިވަޕޫލުން ވެސް އޭނާއަށް ޝައުުގުވެރިވާކަން ފާޅުކޮށްފައިވެއެވެ.
މިދިޔަ ސީޒަންގައި ޔޯރޯވަނީ ލީލްއަށް 32 މެޗު ކުޅެދީ ދެ ލަނޑު ޖަހައިދީފައެވެ. މިދިޔަ ސީޒަން ލީލް ނިންމާލާފައިވަނީ ތާވަލްގެ ހަތަރުވަނައިގައި އޮވެގެންނެވެ. ޔޯރޯވަނީ ލީގު އާންގެ މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިންގެ ޓީމުގައި ވެސް ހިމެނިފައެވެ.
ޔުނައިޓެޑަށް ސޮއި ކުރުމަށް ފަހު ޔޯރޯ ބުނީ، އޭނާގެ ކެރިއަރުގެ ކުރީކޮޅު ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކަށް ސޮއިކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޔޯރޯއަކީ އާ ސީޒަނަށް ޔުނައިޓެޑުން ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމުންވަނީ އިޓާލިއަން ސެރީއާގެ ބޮލޯނިއާއަށް ކުޅެމުންދާ ނެދަލަންޑްސްގެ ފޯވަޑް ޖޯޝުއާ ޒާކްޒީ އެ ޓީމަށް ގެންގޮސްފައެވެ.
ޔުނައިޓެޑްގެ ސްޕޯޓިން ޑިރެކްޓާ ޑެން އޭޝްވާތު ބުނީ ޔޯރޯއަކީ ފާހަގަކޮށްލެވޭ އަރަމުން އަންނަ ޒުވާން ޑިފެންޑަރެއް ކަމަށެވެ. އަދި، އޭނާގެ ކިބައިގައި ދުނިޔޭގެ ފެންވަރުގެ ސެންޓްރަލް ޑިފެންޑަރަކަށްވުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.
ޔުނައިޓެޑުން އަންނަނީ އެވަޓަންގެ ޖެރާޑް ބްރަންތުވެއިޓު ގެންދިއުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޔުނައިޓެޑުން ހުށަހެޅި ފުރަތަމަ ދެ ހުށަހެޅުން ވެސް އެވަޓަންއިންވަނީ އަނބުރާ ފޮނުވާލައިފައެވެ.
މިދިޔަ ސީޒަން ނިމުމާ އެކު ރަފައެލް ވެރާންވަނީ ޔުނައިޓެޑް ދޫކޮށްލާފައެވެ. އަދި، ސްވިޑެންގެ ވިކްޓާ ލިންޑެލޯފްގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. އޭނާގެ އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ސީޒަނާ އެކު ހަމަވާނެއެވެ.