ކިޔަވައިގެން އަންނަ މީހުންނަށް ބޮޑު މުސާރަ ދޭން 200 މިލިއަން ރުފިޔާ ޚަރަދުކުރާނަން: ރައީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައި އެޗީވާސް އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ވަޒީފާގެ ފުރުސަތުތަކަށް 200 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް މަތީ ތައުލީމު ހާސިލުކޮށްގެން އަންނަ ފަރާތްތަކަށް، އަންނަ އަހަރުން ފެށިގެން ސަރުކާރުން ބޮޑު މުސާރަ ލިބޭ ވަޒީފާތައް ދިނުމަށް 200 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ހައި އެޗީވާސް އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ގެދޮރުވެރިކަމުގެ ގޮތުން ބެލި ނަމަވެސް އަދި ވަޒީފާގެ ފުރުސަތުތަކަށް ބެލި ނަމަވެސް، ކަންކަން ހުރީ އެންމެ ފުރިހަމައަކަށް ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ސަބަބުތަކާހުރެ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރި ވަރަށް ގިނަ ކުދިން އެނބުރި ރާއްޖެއަށް ނާންނަ ކަމަށެވެ.

ތީގެ ތެރޭން ގިނަ ކުދިން އުޅޭނީ ވަރަށް ހާލުގައި. ކުއްޔަށް އަދި ޑިއުޓީ ބަހައިގެން ނިދާ ކުދިން ވެސް މަދެއް ނޫން މާލޭގައި. އާއިލާގެ އެކި މީހުން ހޯދާ އާމްދަނީން ރެންޓު ދައްކައިގެން އުޅޭ ކުދިން މަދެއް ނުވާނެ. މިރޭ ތި ހޯދި މަތިވެރި ކާމިޔާބީ ވަރަށް ހާލުގައި ހޯމްވޯކް ހަދައިގެން ހޯދި ކުދިން މަދެއް ނުވާނެ. އެއީ ގެދޮރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ކަންތައްތައް އޮތީ ރަނގަޅަކަށް ނޫން. އެހެންވީމަ ވަރަށް ގިނަ ކުދިން ރާއްޖެއިން ބޭރުން ކިޔަވައިގެން ރާއްޖެ ނައިސް އެބަތިބޭ. އެއީ މިތަނަށް އައިސް އުޅެވޭނެ ގޮތެއް ނެތީމަ، ރައީސް ޑރ. މުހައްމަދު މުއިއްޒު

އެހެންކަމުން އެމަނިކުފާނު އެންމެ އިސްކަމެއް ދޭނެ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވީ ގެދޮރުވެރިކަމުގައި އޮތް ދަތިކަން ރާއްޖެއިން ފިލުވާލުން ކަމަށް ވިދާޅުވިއެވެ. އަދި އެކަން މި ފަސް އަހަރުތެރޭ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގެދޮރުވެރިކަމުގެ އިތުރުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކޮށްގެން އަންނަ ދަރިވަރުންނަށް ދެން ބޭނުންވަނީ ރަނގަޅު ވަޒީފާގެ ފުރުސަތުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ވަރަށް ގިނަ ދާއިރާތަކަކީ ހަމައެކަނި ދިވެހީންނަށް ޚާއްސަ ދާއިރާތައްކަމަށް ކަނޑައަޅައި، ފަސް އަހަރު ތެރޭ އެ ފުރުސަތު ވެސް ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު އެކި ފަންނުތަކުން ކިޔަވައިގެން ތިބި ކުދިންނަށް ސަރުކާރުން ރަނގަޅު މަގާމުތައް ދިނުމަށްޓަކައި މިއަންނަ އަހަރުން ފެށިގެން އުމްރާނީ ތަރައްގީއަށް ޚަރަދުކުރާ ބައިން އެއްބައި ނަގައި، އިންސާނީ ތަރައްގީއަށްޓަކައި ޚަރަދުކުރަން ވާނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށްޓަކައި 200 މިލިއަން ރުފިޔާ ވަޒީފާގެ ފުރުސަތުތަކަށް ޚަރަދުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ވާހަކަ އަޅުގަނޑު ވާނީ މިދިޔަ ނޮވެމްބަރު 17 ގައި ވެސް ރައްޔިތުންނާ މުޚާތަބުކުރައްވާ ދަންނަވާފައި. ގައުމު ބިނާކުރާނީ ދެ ރޮނގަކުން. އެއީ އުމްރާނީ ތަރައްގީއާއި އިންސާނީ ތަރައްގީގެ ގޮތުން. އެހެންވީމާ އިންފްރާސްޓްރަކްޗާ ބަޖެޓުން މިއަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ މިދެންނެވި ގޮތަށް އެކި ދާއިރާތަކުން ކިޔަވާފައިތިބޭ ދިވެހީންނަށް ސަރުކާރުގެ ތެރެއިން މަތީ، ވަރަށް ރަނގަޅު ފެންވަރުގެ، ވަރަށް ބޮޑު މުސާރަ ލިބޭގޮތަށް ކަންތައްތައް ކުރުމަށްޓަކައި ޚަރަދުކުރާނަން،

އެކަން ފާހަގަކުރައްވާ ރައީސް އެދިވަޑައިގަތީ މިހާރުވެސް ބޭރުގައި މަތީ ތައުލީމު ހާސިލްކޮށްގެން ތިބި ދިވެހިން އެނބުރި ރާއްޖެ އައުމަށެވެ. އަދި މިރޭ ސްކޮލަޝިޕް ހާސިލުކޮށްގެން ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ކިބައިން ވެސް ރައީސް އެދިވަޑައިގަތީ ކިޔަވައި ނިންމުމަށް ފަހު އެނބުރި ރާއްޖެ އައިސް ގައުމަށް ޚިދުމަތްކޮށްދެއްވުމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އޭ އެލެވެލް އިމްތިހާނުން އެއް ވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް، 19 ދަރިވަރަކަށް ވަނީ ދީފައެވެ. އަދި ހައި އެޗީވާސް ސޮކަލަޝިޕް ވަނީ 117 ދަރިވަރަކަށް ދީފައެވެ.

comment ކޮމެންޓް