ގަރާޖެއް މަތީ ކާބޯތަކެތީގެ ވިޔަފާރިއެއް ހިންގަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ އަށް މީހަކާއި ގަރާޖުން ތިން މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި --- ފޮޓޯ އިމިގްރޭޝަން

ހުޅުމާލޭގައި ގަރާޖެއް މަތީގައި ކާބޯތަކެތީގެ ޑެލިވަރީ ޚިދުމަތް ދެމުންދިޔަ ބިދޭސީ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ޑެލިވަރީ ކުރާ ތަނާ ގުޅޭ ގޮތުން، "އިމިގްރޭޝަން ވޮޗް"އަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އިމިގްރޭޝަން ވޮޗްއަކީ ނުގަވައިދުން އުޅޭ ބިދޭސީން މައްސަލަތައް ރިޕޯޓުކުރަން ޚާއްސަަކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

އެ މަޢުލޫމާތާއެކު މިއަދު އެތަން ބަލައި ފާސްކޮށްފައި ވާކަމަށާއި އިމިގްރޭޝަނުން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލައި ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ އަށް މީހަކާއި ގަރާޖުން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާއިން ކޮށްފައިވާ ޕޯސްޓުގައި ވަނީ އެ ތަނާ ގުޅިގެން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ވެސް ފާހަގަކޮށްފައެވެ.

https://sun.mv/194421

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2069 ބިދޭސީން ޑީޕޯޓުކޮށްފި ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި ފުލުހުންނާ ގުޅިގެން މިކަމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް