ނުގަވައިދުން އުޅޭ ބިދޭސީން ރިޕޯޓްކުރަން އޮންލައިން ޚިދުމަތެއް ތައާރަފުކޮށްފި

"އިމިގްރޭޝަން ވޮޗް"ލޯންޗްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އިބްރާހިން ނާއިޝް

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މިއަދު ލޯންޗުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޚިދުމަތް ތައާރަފުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދެވެ.

ޝަމްއާން ވިދާޅުވީ މި ޚިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފަދަ ޕްލެޓްފޯމެއް ކަމަށެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ހުށަހަޅަނީ ކާކުކަން ނޭނގޭ ގޮތަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

"އިމިގްރޭޝަން އޮޗް" ލޯންޗް ކުރުމަށް އެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

"ކޮންމެހެން ނުޖެހޭ މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު އެނގޭކަށެއް. އައިޑެންޓިޓީ ފާހަގަ ނުކޮށް އެނޮނިމަސް ކޮށްވެސް މައްސަލަ ރިޕޯޓްކުރެވޭނެ މިހާރު،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމާއެކު އާންމުންނާ ގުޅިގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އާންމުންނަށް ބޭނުންވާ ބައެއްކަހަލަ މައުލޫމާތު ފަސޭހަކަމާއެކު މި ޕްލެޓްފޯމުގެ ޒަރީޔާއިން ލިބޭނެ ކަމަށެވެ.

ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭ މި ޕްލެޓްފޯމަށް ފޮޓޯއާއި މިނޫން ވެސް މައުލޫމާތު ހުށަހަޅައި ރިޕޯޓް ކުރެވޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް Imuga.immigration.gov.mv އަށް ގޮސް، އިމިގްރޭޝަން ވޮޗް ޚިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.

މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ. އެގޮތުން ނުގަވައިދުން އުޅޭ ބިދޭސީން ހޯދަން ކަމާ ގުޅުންހުރި އިދާރާތަކުން ތަފާތު އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.

https://sun.mv/194418

އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރެޖިސްޓްރީއެއް ހަދައި، ގަވައިދަށް ފައްތަން މަސައްކަތް ކުރުމާއި ގަވައިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުން ހިމެނެއެވެ. އަދި ކުށްކުރާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް