މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހައްޔަރުކުރަން ފެށުމާއެކު، މާލޭ ތެރޭގައި ހިންގާ މާރުކޭޓުތައް ފަޅުވާން ފަށައިފިއެވެ.
އާންމުކޮށް މޭވާ، ތަރުކާރީ އަދި ފަތްޕިލަވެލީގެ ބާވަތްތަކުން ފުރިފައި އޮންނަ އަމީނީމަގު މާރުކޭޓުގެ ގިނަ ގޮޅިތަކުގައި މީގެ ކުރިން ވިޔަފާރި ހިންގަން ތިބީ ބިދޭސީންނެވެ. ނަމަވެސް ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދަން މިދިޔަ މަހުގެ ފަހުކޮޅު އިމިގްރޭޝަނާއި ފުލުހުން ފެށި އޮޕަރޭޝަނާއެކު، އެ މާރުކޭޓުން ބިދޭސީ ސޭޓުން ފެންނަ އަދަދު ވަނީ މަދުވެފައެވެ.
އެ މާރުކޭޓުން މިހާރު ފެންނަނީ ދިވެހީންވެގެން ހިންގާ މަދު ގޮޅިއެކެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން މާރުކޭޓުގައި މަސައްކަތްކުރާ ދިވެއްސަކު ބުނީ، ބިދޭސީން ހައްޔަރުކުރަން ފެށުމުން އަމީނީމަގު މާރުކޭޓާއި މަޖީދީ މަގުގައި ހުންނަ މާރުކޭޓު ވެސް ވަރަށް ފަޅުވެފައި ވާކަމަށެވެ.
"އެއީ ހުސް ބިދޭސީން ހިންގާ ތަންތަން. ބިދޭސީން ހައްޔަރުކުރީމަ އެތަންތަން ބަންދުކުރަނީ އެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ، ބިދޭސީން ހައްޔަރުކުރަން ފެށި ދުވަސްކޮޅު ދަތުރުވެރިންގެ މާރުކޭޓު ވެސް ވަރަށް ފަޅުވިކަމަށެވެ. އަދި ތަކެތި މަދުވެ, ގޮޅިތައް ހުސްވުމުން މީހުން ވެސް ވަދެ ވިޔަފާރިކުރުން މަދުވިކަމަށާއި ނަމަވެސް، މިހާރު ދަތުރުވެރިންގެ މާރުކޭޓު ތިޔާގިވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
"ވިއްސާރަވެ މޫސުން ވެސް ގޯސްވުމުން އެއްޗެހި ވެސް ދަތިވީ އެދުވަސްކޮޅު. ދޮންކޭލާއި އެއްޗެހި އޭރު ހަމަ ހުސްވި. އެކަމަކު އަނެއްކާ މިހާރު އެބަ ތިޔާގިވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ، ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރަނީ މިހާރު ގިނައިން ދިވެހިން ކަމަށެވެ. އަދި ބިދޭސީން ކުރިން ހިންގި ގޮޅިތައް ވެސް މިހާރު ދިވެހިން ހިންގާކަމަށް އޭނާ ބުންޏެވެ.
"މިހެން ބުންޏަސް އަދިވެސް ވަރަށް މަދުން މި މާރުކޭޓުގައި ބިދޭސީން އެބަ އުޅޭ،" އޭނާ ބުންޏެވެ.
މާލޭގެ މާރުކޭޓު ގޮޅިތައް ދިވެހިން ކުއްޔަށް ނަގައިގެން ހިންގަނީ ބިދޭސީން ލައްވައެވެ. މިފަދައިން ގަވާއިދާ ޚިލާފަށް މާލޭގައި ވިޔަފާރިކުރި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ އަތުލައިގެންފައެވެ.
ބިދޭސީން މާރުކޭޓުތަކުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަ މީގެކުރިން ވެސް އޮތީ ބޮޑުވެފައެވެ. އެހެންވެ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގައި ވަކިން މާރުކޭޓުތައް ބަލައިފައިވެއެވެ.
އޭގެ ތެރެއިން މިދިޔަ މަހުގެ 29ގައި އިމިގްރޭޝަނާއި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި މާރުކޭޓު ގޮތުގައި ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 83 ބިދޭސީއަކު ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ އެންމެން ވެސް އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީން މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި ކާބޯތަކެތި ވިއްކާ ޚިދުމަތްތައް ހިންގުން ހިމެނެއެވެ.