ކާބޯތަކެތި ވިއްކާ ޚިދުމަތް ހިމެނޭ ގޮތަށް، ބިދޭސީން ވިޔަފާރިކުރުން މަނާ 25 ދާއިރާއެއް

ފާސް ނެތް ބިދޭސީން މާރުކޭޓުގެ ގޮޅިތަކުގައި: ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފައިވޭ -- ފޮޓޯ/ ކައުންސިލް

ރާއްްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކެއް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

ތަފާތު ވިޔަފާރިތައް ކުރުމަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާއިރު އޭގެތެރޭގައި ނުގަވައިދުން ވިޔަފާރި ކުރާ ބިދޭސީން އުޅޭ މައްސަލައަށް ހައްލު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅާފައެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން: ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފައިވޭ -- ފޮޓޯ/ އިމިގްރޭޝަން

މިގޮތުން:

  • އޮންލައިން ވިޔަފާރި ހިމެނޭ ގޮތަށް ރިޓޭއިލް ޓްރޭޑް
  • ހޯލް ސޭލް ޓްރޭޑް، (އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި)
  • ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
  • ޕޯސްޓަލް އަދި ކުރިއާ މަސައްކަތް
  • ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްތައް
  • ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުން ކުރާ ބޮޑެތި މެޝިނަރީސް ފަދަ ތަކެތި ހިމެނޭ ގޮތަށް)
  • އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްތައް
  • ޓްރެވަލް އޭޖަންސީ، ޓުއާ އޮޕަރޭޓާސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
  • ލޭންޑްސްކޭޕިން މަސައްކަތް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
  • ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
  • ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
  • ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
  • ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް
  • ޤާނޫނީ ވަކީލުންގެ ޚިދުމަތްތައް
  • ފޮޓޯގްރަފީއާއި ވީޑިއޯގްރަފީގެ މަސައްކަތް
  • ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން
  • ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
  • ސުވެނިއާ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
  • ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
  • ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
  • ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
  • މައިނިން އެންޑް ކޮރީންގް ގެ މަސައްކަތް
  • މައިނިން އޮފް ސޭންޑް
  • ފޮރެސްޓްރީ

ރާއްޖޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

https://sun.mv/193769

މިދިޔަ އާދިއްތަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ މަސައްކަތުގެ ތެރެއިން ހޯދި ބިދޭސީންގެ 1800އަށް ވުރެ ގިނަ މީހުން މިހާތަނަށް ފުރުވައިލައިފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ވެސް ނުގަވައިދުން އުޅޭ 83 ބިދޭސީން ހޯދައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ތިން އަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި، މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް