ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި، ފޮޓޯ އަދާހަމަކުރަން ދެ މަހުގެ މުއްދަތެއް ދީފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައިވަނީ މުޅި ރާއްޖޭގައި، ވަޒީފާތަކުގައި އުޅޭ ބިދޭސީން، އެ މީހުންގެ ބައޯމެޓްރިކްސް އަދައިހަމަކުރަން އޭޕްރިލް 20ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.
މީގެ ކުރިން މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީންނަށް ވެސް އެ މީހުންގެ މައުލޫމާތު އަދާހަމަކުރަން އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132,371 ބިދޭސީން ހިމެނެއެވެ.
ނުގަވައިދުން ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު، އެ މީހުން ގާނޫނުގެ ތެރެއަށް ގެނައުމަށް މި ސަރުކާރުން އޮޕަރޭޝަން ކުރަނގި ފަށައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ.
އެ ހަރަކާތުގެ ތެރެއިން، ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރެއެވެ.