އެޗްއާރުސީއެމްއަށް ހަބީބު އައްޔަން ކުރުމާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އިސްމާއިލް ޙަބީބު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް އައްޔަން ކުރުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާ ނަން، އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލިސް އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ގާނޫނުގައި ވާގޮތުން އެޗްއާރުސީއެމްއަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަން ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް މިހާރު ފޮނުވާފައި ވާކަމަށެވެ.

އެހެންވެ، ހަބީބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ މިމަހުގެ 28 ވާ އާދީތަ ދުވަހުގެ 14:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ މަޖިލީސް އިދާރާއަށް ލިޔުމަކުން ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް މިދިޔަ ޖޫން މަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވާފައި ވަނީ މި ހަފުތާގެ ހޯމަ ދުވަހެވެ.

އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހަށެވެ.

އޭނާ ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި ހަބީބް ވަނީ އީސީގެ މެންބަރުކަމާއި އީސީގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

comment ކޮމެންޓް