އިގުތިސާދީ ރޭޓިން ދަށްވެއްޖެ ނަމަ، އެކަކު ވެސް ސަލާމަތެއް ނުވާނެ: އަސްއަދު

މާލޭގެ ފިހާރައެއް: ރާއްޖޭގެ އިގުތިސާދީ ރޭޓިން ދަށްވެއްޖެ ނަމަ، އެކަކު ވެސް އެ ކަމުން ސަލާމަތެއް ނުވާނެ ކަމަށާއި، އޭގެ ގެއްލުން ހުރިހާ ދިވެހީންނަށް ކުރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ކުރީގެ ރައީސް އަޙުމަދު އަސްއަދު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގުތިސާދީ ރޭޓިން ދަށްވެއްޖެ ނަމަ، އެކަކު ވެސް އެ ކަމުން ސަލާމަތެއް ނުވާނެ ކަމަށާއި، އޭގެ ގެއްލުން ހުރިހާ ދިވެހީންނަށް ކުރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ކުރީގެ ރައީސް އަޙުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ޓޯކިން އިކޮނަމީ" ޕްރޮގްރާމްގައި އަސްއަދު ވިދާޅުވީ ތަކުރާރުކޮށް ދަރަނި ނަގަމުން އައިސް، މިހާރު ގައުމު އޮތީ ދަރަނި ނުދެއްކޭ ހިސާބުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ އާމްދަނީން ހިންގުމުގެ ޚަރަދާއި ޒަރޫރީ ބޭނުންތަކަށް ކެނޑުމަށް ފަހު އެއްވެސް އެއްޗެއް ބާކީއެއް ނުވެއެވެ.

"އެ ހިސާބުން ފެންނަނީ ރަތް ކުލައިގެ ނަންބަރެކޭ. މާނައަކީ ދަރަންޏޭވީ. ދެ މަންނަ ޖައްސައިގެން ތިބެ ބޮޑު އެއްޗެއް ހޯދަން އުޅެން ހަދައިގެން އެންމެ ފަހުން ނިމޭއިރު 30 ދަރަންޏޭ ވަނީ," އަސްއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހާލަތު އިތުރަށް ގޯސްވަނީ ކުރިޔަށް އޮތް 2025، އަދި 2026ވަނަ އަހަރު، ހަމަ އެކަނި ދަރަނީގެ ޚިދުމަތުގެ ގޮތުގައި ދައުލަތުން 16 ބިލިއަން ރުފިޔާ ދައްކަން ޖެހޭތީއެވެ. އެ ދެ އަހަރު އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ ފަސް ބިލިއަން ރުފިޔާއެވެ.

މި ކަން މި ގޮތަށް އޮތްއިރު، ދަރަނި އެއްކޮށް ދައްކައި ޚަލާސް ކުރުމަށް ވެސް 16 ބިލިއަނެއްހާ ރުފިޔާ އިތުރަށް ބޭނުންވާކަން އަސްއަދު ފާހަގަ ކުރެއްވިއެވެ. ދަރަނި ދެއްކުމަށްޓަކައި ދަރަނި ނަގަންޖެހޭ ހިސާބަށް ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން ދައްކަމުން ދަނީ އެ ވާހަކަ ކަމަށެވެ.

ދަރަނި ބޭނުންކޮށްގެން އެސެޓު އުފައްދަނީ މުސްތަގުބަލުގައި އެއިން ގައުމުގެ އުފެއްދުންތެރި ކަމާއި، ދައުލަތުގެ އާމްދަނީ ވެސް އިތުރުވާނޭ ގޮތަށް ވިސްނައިގެންނެވެ. އެއީ ރަނގަޅަށް ރޭވި، މަޝްވަރާ ކުރެވިގެން ނުކުންނާނެ ނަތީޖާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް މިހާރު ސަރުކާރުތަކުގައި އެންމެ ފައިދާކުރަނިވި މަޝްރޫއު ހޯދައިގެން، އެ ކަމަކަށް އިންވެސްޓް ކުރުމުގެ ބަދަލުގައި ސިޔާސީ ބޭނުމަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ ސިޔާސަތެއް އުފެދައިފައި އޮތް ކަމަށް އަސްއަދު ވިދާޅުވިއެވެ. ރާއްޖޭގައި ހިންގުނު މަޝްރޫއުތަކުގެ ފައިދާ އެންމެ އެކަށީގެންވާ މިންވަރަށް ނުކުރުމުގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މި ކަމެވެ.

ރާއްޖޭގައި ހިންގާ ކެޕިޓަލް ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރުމަށް ގެންނަނީ ބިދޭސީން ކަމާއި އެ މަޝްރޫއެއްގެ މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ގެންނަނީ ރާއްޖޭން ބޭރުންކަން އަސްއަދު ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނެސްގެން ވެސް އެ ފަދަ ޕްރޮޖެކްޓުތައް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ގެނެސްގެން ހިންގާ ޕްރޮޖެކްޓުތަކުގައި، އެ އެސެޓު ރާއްޖޭގައި ހުރި ނަމަވެސް، އެ އެސަޓަކުން ލިބޭ ފައިސާ ރާއްޖޭގައި ދައުރު ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މިއީ ސަރުކާރުތަކުން ކަންތައް ކޮށްފައިވާ ގޮތުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށާއި، ކުރިމަތިވެފައި އޮތް ހާލަތު ބަދަލު ކުރުމަށް އެންމެން ވެސް އިޚްލާސްތެރި ކަމާ އެކު މަސައްކަތް ކުރަންވެއްޖެ ކަމުގައި އަސްއަދު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުން ވަނީ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. ފިޗުން ބުނެފައިވަނީ، ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުން މެދު ރާސްތާގައި ބޭރުގެ ދަރަނިތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

https://sun.mv/193776

މި ސަރުކާރުން ވަނީ ފިޗުން ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާފައި ނުވުމުން ކަމަށް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް