ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން ދަށްކުރި މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާފައި ނުވުމުން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 2022 ވަނަ އަހަރު އެ މިނިސްޓްރީން ހުށަހަޅައިގެން، މިދިޔަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެވިފައިވާ ބަދަލުތަކަކީ ހާލަތާ ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތުން ވީއްލިގެން އައިއިއރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަ ކުރުމަށް އަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅު ކަމަށްވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް ތަންފީޒު ނުކުރާ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އެގޮތަށް އަމަލުކުރުމުގެ ނަތީޖާއަކަށް ވެފައިވަނީ ދައުލަތުގެ ޚަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އޭގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާ ކަމަށާއި މެދު ރާސްތާގައި ދަރަނި އަދާ ނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާ ކަމަށް އައިއެމްއެފްގެ 2022 ވަނަ އަހަރުގެ އާޓިކަލް -4 ކޮންސަލްޓޭޝަން ރިޕޯޓުގައި ބުނެފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. ނަމަވެސް އެކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ދިޔުމަކީ ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރި މައިގަނޑު ސަބަބު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިޗުން ރޭޓިން ދަށްކޮށް ބުނެފައިވަނީ، ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުން މެދު ރާސްތާގައި ބޭރުގެ ދަރަނިތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެ ރޭޓިންއާ ގުޅޭ ގޮތުން މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރަށް ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަންދީ، އިސްލާހީ އެޖެންޑާ ތަންފީޒުކުރުމުން މުސްތަގުބަލުގެ ރޭޓިންތައް ރަނގަޅުވާނެ ކަމަށް ބުނެފައެވެ.
އޭގެ ފަހުން މިނިސްޓްރީން ވަނީ، 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީ އާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.