ކަވާ 20 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ކަވާ 20 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ---- ފޮޓޯ/ ދިރާގު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކަވާ) އުމުރުން 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަށް ދިރާގުން ސޮއިކޮށްފިއެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ކަވާ ގުޅިގެން ބާއްވާ މި މުބާރާތަކީ ބައިނަގުވާމީ މުބާރާތެކެވެ. މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި ސްރީލަންކާ، ނޭޕާލް، ކިރްގިސްތާންގެ އިތުރުން ރާއްޖޭގެ 20 އަހަރުން ދަށުގެ އަންހެން ޓީމު ބައިވެރިވާނެއެވެ.

މިކަމާ ގުޅިގެން ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސްގެ މެނޭޖަރު ނާޔާ ޝަރީފް ވިދާޅުވީ، ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދިވެހި އެތުލީޓުންގެ ކުރިއެރުމަށް އެއްބާރުލުން ދީ، އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރާތް މެދުވެރިކޮށް މިކަން ހާސިލްކުރުން،" އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކަވާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. އަދި، މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ)ގެ އެފިލިއޭޓެޑް ޖަމިއްޔާއެކެވެ.

comment ކޮމެންޓް