އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

އީރާނުގެ ބޫޝަހެރުގައިވާ ނިއުކްލިޔާ މަރުކަޒެއް

ވޮޝިންޓަން (18 ޖުލައި 2024): އީރާނުން ނިއުކްލިޔާ ވޯހެޑެއް އުފެއްދުމުގެ އަމަލީ މަސައްކަތްތަކެއް ކުރާ ކަމުގެ ސިއްރު މައުލޫމާތުތަކެއް ލިބިގެން އެމެރިކާއިން އީރާނަށް ދާދި ފަހުން ހަރުކަށި އިންޒާރުތަކެއް ދިންކަމަށް އެމެރިކާއާއި އިސްރާއީލުގެ ތިން މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަކުރަން ނޭދޭ އެ ތިން މަސްއޫލުވެރިންނާ ހަވާލާދީ އޮންލައިން ނޫހެއްކަމަށްވާ "އެގްސިއޮސް"ގައި ބުނާގޮތުން އީރާނުން ނިއުކްލިޔާ ބޮމެއް ހަދަން އުޅޭކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ތަނަށް ސީދާގޮތެއްގައި ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާއިން އީރާނަށް ދިނީ ރަސްމީ ޗެނެލްތައް މެދުވެރިކޮށް ސީދާ ގޮތެއްގައާއި އަދި ތިންވަނަ ގައުމެއް މެދުވެރިކޮށެވެ.

މި ތިން މަސްއޫލުވެރިން ވިދާޅުވެފައިވާގޮތުން އެމެރިކާއަށް ލިބިފައިވަނީ ނިއުކްލިޔާ ބޮމެއް ތަޖުރިބާކުރުމަށް ބޭނުންވާ ޚާއްސަ ޑިވައިސްއެއް އުފައްދަން އީރާނުގެ ނިއުކްލިޔާ ސައެންސްވެރިންނާއި އިންޖިނޭރުންގެ އެތައް ސަތޭކަ ބަޔަކު ހިމެނޭ ބޮޑު ޓީމަކުން މަސައްކަތްތަކެއް ކުރަމުންގެންދާކަމުގެ ޖާސޫސީ މައުލޫމާތެވެ.

ޖާސޫސީ މައުލޫމާތަކީ އެއީ ކިހާވަރެއްގެ ސައްހަ އަދި ތެދު މައުލޫމާތެއްކަން އެނގޭ މައުލޫމާތެއް ނޫނެވެ. އެއީ ސައްހަ މައުލޫމާތުކަން ދެނެގަތުމަށް އިތުރު އެތައް މައުލޫމާތަކާއި އަދި މައުލޫމާތު ތަހުލީލުކޮށް އޭގެ ތެދު ދޮގު ބެލުމަށް އެތައް ވަގުތެއް ބޭނުންވާނެއެވެ.

އެމެރިކާގެ މި އިންޒާރުގެ ރައްދުގައި އީރާނުން އެމެރިކާއަށް އެންގި ކަމަށްވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެ ގައުމުގެ ސިޔާސަތު ނޫން ކަމަށާއި އީރާނުގައި ކުރިއަށްދަނީ އަދި އީރާނުން ތަރައްގީ ކުރަނީ ވެސް މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ ތަރައްގީކުރުމުގެ ޓެކްނޮލޮޖީ ކަމުގައެވެ.

އަދި. އީރާނުގެ އެއްވެސް ތަނަކަށް އެމެރިކާއިން ވެސް އަދި އިސްރާއީލުން ވެސް އެއްވެސް ހަމަލާއެއް ދީފިނަމަ އޭގެ ރައްދު އާދަޔާ ޚިލާފަށް ހަރުކަށިވެފައި ހިތިވާނެކަމުގެ އިންޒާރު އީރާނުން ދިންކަމަށް ނަން ހާމަކުރަން ނޭދޭ މި ތިން މަސްއޫލުވެރިންނާ ހަވާލާދީ "އެގްސިއޮސް"ގައި ބުނެފައިވެއެވެ. ޔުކްރެއިން ހަނގުރާމައަށް ފަހު އީރާނާއި ރަޝިއާގެ އަސްކަރީ ގުޅުންތައްވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިއީ ވެސް އެމެރިކާއިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއެޅުމުގެ ވާހަކައަކީ 2003 ވަނަ އަހަރުން ފެށިގެން އެމެރިކާއާއި އިސްރާއީލު ދައްކަމުން ގެންދާ ވާހަކަތަކެކެވެ. ނަމަވެސް، އެންމެ ފަހުން އީރާނުން 3،000 އަށް ވުރެގިނަ ހަތިޔާރުން އެއްފަހަރާ އިސްރާއީލަށް ރައްދު ހަމަލާތަކެއް ދިނުމުން އެ ކަމަށް ބަދަލުހިފުމުގެ ގޮތުން ވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް ހަމަލާދޭން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އެމެރިކާއާއި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ވެސް ކުރިން ހާމަކޮށްފައިވާ ގޮތުގައި އީރާނަކީ ނިއުކްލިޔާ ބޮމެއް އުފައްދަން ބޭނުންވާނަމަ އެކަމުގެ އިލްމީ ފަންނީ އަދި ވަސީލަތްތަކުގެ ގާބިލުކަން ލިބިފައިވާ ގައުމެކެވެ. އީރާން ބޭނުންނަމަ ދެތިން ހަފުތާ ތެރޭގައި ނިއުކްލިޔާ ބޮމެއް އުފެއްދުމުގެ ހުރިހާ ގާބިލުކަމެއް އެ ގައުމުގައި އެބަހުއްޓެވެ.

އީރާނުގެ ނިއުކްލިޔާ ހައްސާސް ލެބޯޓްރީތަކަކީ ފަރުބަދަތަކުގެ އަޑީގައިވާ ތަންތަންކަމުން އެ ތަންތަނަށް ހަމަލާދިނުމަކީ އަދި އީރާނުގެ ނިއުކްލިޔާ ހައްސާސް ލެބޯޓްރީތައް ހަލާކުކޮށްލުމަކީ އެމެރިކާއާއި އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލަކީ ވެސް އެ ގައުމު ވަރުގެ ގަދަފަދަ ގައުމެއް ސަރަހައްދުގައި ނެތްކަމާއި ރޭގަނޑު ކަނުއަނދިރީގައި ފަރުބަދަތަކުގެ އަޑީގައި ދުވާ ހިނިފަދަ ފަނި ފަކުސައިގެ ހަރަކާތްތައް ވެސް އެ ގައުމަށް އެނގޭ ކަމަށް ބުނެ ޕްރޮޕަގެންޑާތައް ފަތުރަމުން ގެންދިޔަ ގައުމެކެވެ.

ނަމަވެސް، ވަސީލަތްތައް ނެތް އަދި ހިސާރުގެ ދަށުގައި އޮތް ހަމާސްގެ މުޖާހިދުން އިސްރާއީލު ހިސާރުކޮށްފައިވާ ޣައްޒާގައި ތިބގެން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ރާވައި އެ ކަމަށް ބޭނުންވާ ތަމުރީންތައް ހަދަމުން ގެންދިޔައިރު ވެސް އެކަން އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ރޭކާލާފައެއް ނުވެއެވެ. އަދި، އެމެރިކާއަށް ވެސް ވާނުވާ އެނގިފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު ހަތެއްގައި ހަމާސުން އިސްރާއީލަށް ގަދަފަދަ ހަމަލާތައް ދީ އިސްރާއީލުގެ ހާހެއްހާ މީހުން މަރާލައި ގިނަ އަދަދެއްގެ ސިފައިން ހިމެނޭގޮތަށް އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްގެން ޣައްޒާއަށް ގެންދިޔައިރު ވެސް އިސްރާއީލަށް އެކަން ރޭކާލާފައިވަނީ ހަމަލާތައް ދިންތާ އެތައް ގަޑިއިރެއް ފަހުންނެވެ.

އެމެރިކާއިން ވެސް އުސާމާ ބިން ލާދިން ހޯދުމަށް އަފުޣާނިސްތާނަށް އަރައިގަނެ އަފްޣާނިސްތާނުގައާއި ޕާކިސްތާނުގެ ވަޒީރުސްތާނުގައި އުސާމާ ބިން ލާދިން އުޅޭތޯ ބަލައި ޖާސޫސުކުރަމުން ގެންދިޔަތާ 11 އަހަރުވީއިރު ވެސް އުސާމާ ބިން ލާދިން ހޯދިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އުސާމާ އުޅޭތަން އެމެރިކާއަށް އެނގުނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން އެކަމުގައި އެމެރިކާއަށް އެންމެ ފަހުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ސިއްރިޔާތުގައި އެއްބާރުލުން ދިނުމުންނެވެ. އެއީ، އެމެރިކާއިން އުސާމާ މަރާލުމަށް ކަމަށް ބުނެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕާކިސްތާނުގެ ވަޒީރުސްތާނުގެ އާންމުންގެ ގެދޮރަށް ހަމަލާދީ އާންމުން މަރަމުން ގެންދާތީ އެކަން ހުއްޓުވޭނެ އެހެން ގޮތެއް ނެތިގެންނެވެ.

ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި 11 އަހަރުވަންދެން ވަޒީރުސްތާނުގެ އާންމުންގެ ގެދޮރަށް އެމެރިކާ ދިން ހަމަލާތަކުގައި 80،000 އަށް ވުރެ ގިނަ އާންމުން މަރުވިކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އުސާމާ ބިން ލާދިން މަރާލެވުމަށް ފަހު އެމެރިކާއިންވަނީ މި ހަމަލާތައް އެއްކޮށް ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ ވަޒީރުސްތާނުގެ އާންމުންގެ ފުރާނަތައް ސަލާމަތް ކުރެވިގެންދިޔައެވެ.

އުސާމާ ބިން ލާދިން ޕާކިސްތާނުގެ އަބޫތު އާބާދުގައި ދިރިއުޅުނު އިމާރާތް އެމެރިކާއަށް ތިންވަނަ ފަރާތެއް މެދުވެރިކޮށް ސިއްރިޔާތުގައި އަންގައިދިން ކަމަށްވަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އެޖެންޓެއް ކަމަށް ވެއެވެ. އެއީ އެމެރިކާގެ މި އަނިޔާވެރިކަމާއި ވަޒީރުސްތާނުގެ އާންމުންނަށް ޑްރޯން ބޭނުންކޮށްގެން އެމެރިކާ ދެމުންގެންދާ ޓެރަރިސްޓް ހަމަލާތައް ހުއްޓުވޭނެ އެހެން ގޮތެއް ނެތިގެން ކަމަށް އެ ދުވަސްވަރުގެ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.

ނަމަވެސް، އެމެރިކާއިން ބުނެ އިއުލާނުކޮށްފައިވާގޮތުން އުސާމާ އުޅުނު ގެ ހޯދީ އެ މީހުންގެ ޖާސޫސުންގެ މޮޅުކަމުންނެވެ. އެމެރިކާގެ އެޖާސޫސުންނަށް ތިންވަނަ ފަރާތެއް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދިނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އެޖެންޓެއްކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވެސް އެ ދުވަސްވަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް