އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް، ވޯޓުލާން "ސްވިންގް" ސްޓޭޓްތަކުން ރަޖިސްޓްރީކުރާ މީހުންގެ ތެރެއިން މީހަކަށް ރިޔާސީ އިންތިޚާބާ ހަމަޔަށް ކޮންމެ ދުވަހަކު އެއް މިލިއަން ޑޮލަރު ދޭން މަހުޖަނު އީލޮން މަސްކު ހުށަހެޅި ހުށަހެޅުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފިއެވެ.
އެ ޕެޓިޝަން އެކުލަވާލީ އެމެރިކާގެ އިދިކޮޅު ލީޑަރު ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރުމަށް އުފެއްދި މަސްކުގެ ކެމްޕޭން ގްރޫޕް އެމެރިކާ ޕީއޭސީންނެވެ.
އެއް މިލިއަން ޑޮލަރު ދޭނީ ގާނޫނުއަސާސީގެ ދިފާއުގައި އޭނާ ހަދާފައިވާ އޮންލައިން ޕެޓިޝަންގައި ސޮއިކުރާ މީހުންގެ ތެރޭގައި ގުރުއަތު ލައިގެންނެވެ. އެކަމަކު އެ ފައިސާ ލިބޭނީ ޕެންސިލްވޭނިއާ، ޖޯޖިއާ، ނެވާޑާ، އެރިޒޯނާ، މިޝިގަން، ވިސްކޮންސިން އަދި ނޯތު ކެރޮލައިނާގެ ވޯޓުދޭ މީހުންނަށް އެކަނި ކަމަށް ވަނީ ކަނޑައަޅައިފާއެވެ.
އިންތިޚާބުގައި ވޯޓު ދިނުމަށް ބާރު އެޅުމުގެ ގޮތުން ފައިސާ ހުށަހެޅުމަކީ އެމެރިކާގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ގާނޫނީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
މަސްކު ދެނީ ކޯޗެއް؟
އެމެރިކާ ޕީއޭސީން އެކުލަވާލީ އެ ޕެޓިޝަނުގައި ސްވިންގް ހަތް ސްޓޭޓެއް ކަމަށްވާ ޖޯޖިއާ، ނެވާޑާ، އެރިޒޯނާ، މިޝިގަން، ވިސްކޮންސިން، ޕެންސިލްވޭނިއާ އަދި ނޯތު ކެރޮލައިނާގެ ވޯޓަރުންނަށް ސޮއިކުރެވެއެވެ.
ޕެޓިޝަންގައި ސޮއި ކުރުމަށް އެހެން މީހަކު ހޯދާ މީހާއަށް 47 ޑޮލަރު ވެސް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ވޯޓުލާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ވެސް ސްވިންގް ހަތް ސްޓޭޓުގެ ތެރެއިން އެއް ސްޓޭޓެއްގައި ސޮއިކުރާ ކޮންމެ މީހަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް ދޭނެއެވެ.
ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތަ؟
"އަހަރެން ގަބޫލުކުރާ ގޮތުގައި މަސްކުގެ އެ ހުށަހެޅުމަކީ ގާނޫނާ ޚިލާފު ހުށަހެޅުމެއް." ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ ވޯލްޓާ އެސް ކޮކްސް ޕްރޮފެސާ އޮފް ލޯ ޕޯލް ޝިފް ބާމަން ވިދާޅުވިއެވެ.
އޭނާ އިޝާރާތް ކުރެއްވީ އިންތިޚާބީ ގާނޫނާ ބެހޭ އެމެރިކާގެ ކޯޑަށެވެ. އޭގައި ބުނެފައިވާ ގޮތުގައި "ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ނުވަތަ ވޯޓުލުމަށް ފައިސާ ދައްކާ ނުވަތަ ފައިސާ ދެއްކުމަށް ހުށަހަޅާ ނުވަތަ ފައިސާ ބަލައިގަންނަ" މީހަކަށް 10،000 ޑޮލަރުން ޖޫރިމަނާ ނުވަތަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
"އޭނާގެ ހުށަހެޅުމަކީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ވޯޓަރުންނަށް ހުޅުވާލެވިފައިވާ ހުށަހެޅުމެއް، އެހެންވީމަ އަޅުގަނޑަށް ހީވަނީ އޭނާގެ ހުށަހެޅުމަކީ މި މާއްދާއާ ޚިލާފު ހުށަހެޅުމެއް ކަމަށް." ބާމަން ބީބީސީއަށް ވިދާޅުވިއެވެ.
ދަ ފެޑެރަލް އިލެކްޝަން ކޮމިޝަން (އެފްއީސީ)ގެ ކުރީގެ ޗެއާމަނަކު ވިދާޅުވި ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނުވަތަ ވޯޓުލުމަށް ސީދާ އެއްވެސް މީހަކަށް ފައިސާގެ އިނާމު ނުދޭތީ އެއީ ގާނޫނާ ޚިލާފު ކަމަކަށް ނުވެދާނެއެވެ.
"އޭނާ އެމީހުންނަށް ފައިސާ ދެނީ ވޯޓުލާން ރަޖިސްޓްރީ ކުރާކަށް ނޫން. އޭނާ ބޭނުންވަނީ ހަމައެކަނި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުން ޕެޓިޝަންގައި ސޮއިކުރުމަށް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީ އެންމެ ރަގަޅު ކަމެއް ކަމަށް." އޭނާ ވިދާޅުވިއެވެ.
ނޯތުއީސްޓަން ޔުނިވާސިޓީ ސްކޫލް އޮފް ލޯގެ ކޮންސްޓިޓިއުޝަނަލް ލޯ ޕްރޮފެސަރު ޖެރެމީ ޕޯލް ބީބީސީއަށް ފޮނުއްވި އީމެއިލްގައި ވިދާޅުވީ މާސްކް ގާނޫނީ ހުސްކަމެއްގެ ފައިދާ ނަގަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ހުށަހެޅުމަކީ ގާނޫނާ ޚިލާފު ހުށަހެޅުމަކަށް ވެދާނެ ކަމަށް ބުނެ ވާހަކަދެއްކި ނަމަވެސް، ކޯޓުގައި މައްސަލަ ހުށަހަޅަން އުނދަގޫވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޑިމޮކްރެޓުން ބުނީ ކީކޭ؟
ޑިމޮކްރެޓް ޕާޓީގެ މެމްބަރު އަދި ޕެންސިލްވޭނިއާގެ ގަވަރުނަރު ޖޯޝް ޝަޕީރޯ ވަނީ އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކަން ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.
" އެކަން ކުރެވޭނެތޯ ނުވަތަ ނޫންތޯ އެއީ މުޅިން އެހެން ކަމެއް. އެއީ ހަމަ އެހާމެ ފަސޭހައިން އަނބުރާ އަތުވެދާނެ ކަމެއްވެސްމެ." ފާއިތުވި ހަފުތާތަކުގައި ޑިމޮކްރެޓިކްގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ އަދި ނާއިބު ރައީސް ކަމަލަ ހެރިސް އަށް ކެމްޕޭން ކޮށްފައިވާ ބިލިއަނަރު އަދި އިންވެސްޓަރު މާކް ކިއުބާން ބުންޏެވެ.
ކުރިންވެސް ކުރި ކަމެއްތަ؟
ފާޑުކިޔުންތަކަށް ރައްދު ދެއްވައި މަސްކު ވިދާޅުވީ ޑިމޮކްރެޓުންނާއި އެމީހުންނަށް ތާއީދުކުރާ މީހުން މީގެކުރިން ވެސް އެފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްކު ވިދާޅުވީ މެޓާގެ ވެރިޔާ މާކް ޒުކަބާގް 2020ވަނަ އަހަރު ހަމަ އެފަދައިން ކަން ކުރެއްވި ކަމަށެވެ.
ނަމަވެސް ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި 2020ވަނަ އަހަރުގެ އިންތިޚާބުގައި ޒުކަބާގް 400 މިލިއަން ޑޮލަރު ހަދިޔާ ކުރެއްވީ ވޯޓުލާ ސަރަހައްދުތަކުގައި އެހީތެރިވުމަށް ހަރަކާތްތެރިވި ދެ ޖަމިއްޔާއަކަށެވެ. އެއީ ސީދާ ވޯޓުލާ މީހުންނަށް ދިން އެއްޗެއް ނޫނެވެ.
މަސްކު އިތުރަށް ކޮށްދެނީ ކޮން ކަންތައްތަކެއް؟
ދުނިޔޭގެ އެންމެ މުއްސަނދި ކަމަށް ޕޯބްސް މަޖައްލާގެ އަންދާޒާތަކުން ދައްކާ މަސްކަކީ ޓްރަމްޕް ރައީސް ކަމުގައި ހުންނެވިއިރު ޓްރަމްޕާ މާބޮޑަށް ގުޅުން ބަދަހި ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް މަސްކު ވަނީ ޑިމެކޮރެޓް ޕާޓީގެ މެމްބަރުންނަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވާފައެވެ.
ދެހާސް ބާވީސް ވަނަ އަހަރު ބޭއްވި މެދު ދައުރުގެ އިންތިޚާބުގެ ކުރިން މަސްކު ވަނީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އިއުލާންކޮށް، ރިޕަބްލިކަން ޕާޓީއަށް ވޯޓު ދިނުމަށް އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފައެވެ.
މިއަހަރު އޭނާ ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަކަށް އެމެރިކާގެ ސިޔާސީ މައިދާނުގައި އުޅުއްވާފައެވެ.
މަސްކް އެމެރިކާ ޕީއޭސީ ލޯންޗުކުރެއްވީ ޖުލައި މަހު ޓްރަމްޕްގެ ކެމްޕޭނަށް ތާއީދު ކުރުމުގެ މަގުސަދުގައެވެ. އޭނާ ވަނީ މިހާތަނަށް 75 މިލިއަން ޑޮލަރު އެ ކެމްޕޭނަށް ހަދިޔާކޮށްފައެވެ.
މަސްކު ރިޔާސީ ކެމްޕޭނަކުން ފުރަތަމަ ފެނިފައި ވަނީވެސް ޓްރަމްޕްގެ ކެމްޕޭނުން މިއަހަރުއެވެ.
ފޯބްސް މަޖައްލާގެ އަންދާޒާތަކުން ދައްކާ ގޮތުގައި މަސްކްގެ މިލްކިއްޔާތުގައި 248 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ އަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ.