ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، 26 ތަނެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސަައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިއްޔެ އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ހިންގާފައި ވާކަމަށެވެ.
އެގޮތުން 26 ތަނެއް ބަލައި ފާސްކޮށް ހަތަރު މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހުޅުމާލޭ ފޭސް ދެއަކުން 13 ތަނެއް ބަލައި ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފޭސް ދެއަކުން 26 ތަނެއް ބަލައި ގަވާއިދާ ޚިލާފަށްއުޅޭ ހަތަރު ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފި -- ފޮޓޯ/ އިމިގްރޭޝަން
އިމިގްރޭޝަނުން ބުނީ އެ ރެއިޑު އޮޕަރޭޝަންގައި އަށް ފިހާރައާއި ހަތަރު ކެފޭ ރެސްޓޯރެންޓެއްގެ އިތުރުން ބޭކަރީ އަދި ސެލޫނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފުރަތަމަ ތިން އަހަރުގެ ތެރޭ ހައްލުކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަދި މި އަހަރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލުން ކަމަށާއި އެ އަމާޒަށް މިދިޔަ މަހު ވާސިލުވެފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.