ވޭތުވެދިޔަ އަށް މަސް ތެރޭ، ހަށިވިއްކުމުގެ މައްސަލަތަކުގައި 65 ބިދޭސީންނާއި، ޑުރަގު އަދި ގޭންގު މާރާމާރީތަކުގައި 141 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި ކުށްކުރާ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރުކުރާ ބިދޭސީންގެ ތަފާސްހިސާބުތައް ވަނީ ހާމަކޮށްފައެވެ.
އެ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 2،069 ބިދޭސީން ވަނީ ގައުމަށް ފުރުވާލާފައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި 152 ރެއިޑް އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އަށް މަސް ތެރޭ އިމިގްރޭޝަނުން އެކި ކުށްތަކުގައި އަތުލައިގަނެ ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދުތައް ވެސް ވަނީ ހާމަކޮށްފައެވެ. އެ ގޮތުން:
- ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާ މުއާމަލާތްކުރުން: 8 ބިދޭސީން ޑީޕޯޓުކޮށްފައި
- ހަށިވިއްކުމުގެ މުއާމަލާތްކުރުން: 65 ބިދޭސީން ޑީޕޯޓުކޮށްފައި
- ޑުރަގު އަދި ގޭންގު މާރާމާރީ: 141 ބިދޭސީން ޑީޕޯޓުކޮށްފައި
- އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެ ތެރެއިން: 15 ބިދޭސީން ޑީޕޯޓުކޮށްފައި
- ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނައުން: 9 ބިދޭސީން ޑީޕޯޓުކޮށްފައި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،069 ބިދޭސީން ޑީޕޯޓުކޮށްފި ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވިއިރު، ފުލުހުންނާ ގުޅިގެން ވެސް އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.
ހޯމް މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރަން ވެސް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.