ރައްޔިތުން އީ ވޯޓިން ބަލައެއް ނުގަންނާނެ، އެ ވިސްނުމެއް ނުގެންގުޅެން: ފުއާދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: އޭނާ ވިދާޅުވީ ރައްޔިތުން އިލެކްޓްރޯނިކް ވޯޓިން ބަލައިނުގަންނާނެ ކަމަށް -- ސަން ފޮޓޯ

އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ- ވޯޓިން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށާއި އެ ވިސްނުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނުގެންގުޅޭ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ އީސީގެ މެންބަރުން ހާޒިރުކޮށްފައެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީސް މެންބަރުން ވަނީ ޚަރަދު ކުޑަކުރަން އީސީން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ގޮތުން، އީ ވޯޓިން ތައާރަފުކުރުމާ މެދު އީސީން ވިސްނާތޯ ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ، އެ ވިސްނުން އީސީން ނުގެންގުޅޭ ކަމަށެވެ. އަދި، ރައްޔިތުން ވެސް އީ ވޯޓިން ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އީ ވޯޓިން ތައާރަފުކުރި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އެނބުރި ކަރުދާހަށް ބަދަލުކުރިކަން ފާހަގަކުރައްވައިފައެވެ.

އީސީގެ ރައީސް ފުއާދު (މ): އޭނާ ވިދާޅުވީ، އީ ވޯޓިންއަށް ދިއުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

"މީގައި އެންމެ ބޮޑު އެއް ސަބަބަކީ އަދިވެސް ރައްޔިތުންގެ ހިތުގައި ހަމަ ސުވާލު އުފެދޭނެ އެ މީހުންނަށް ވޯޓު ކަރުދާސް ނުފެނި، އޭގައި ޖަހާފައި އިންނަ ފާހަގަ ނުފެނި އަޅުގަނޑުމެން ނަތީޖާ އޮތީ މި ގޮތަށްށޭ ބުނެފިއްޔާ،" ފުއާދު ވިދާޅުވިއެވެ.

"މިހާރުގެ ނިޒާމަކީ މުޅި ދުނިޔޭގެ ހުރިހާ އެންމެންހެން ވަރަށް ބޮޑަށް ބަލައިގަނެ، އެއަށް ތައުރީފުކޮށް، އެއާ ދޭތެރޭގައި އެއްވެސް ސުވާލެއް ނުއުފެދޭ ނިޒާމެއް ވީމާ އަޅުގަނޑުމެން އެއާ ގުޅިގެން ދެން ހުންނަ ހުރިހާ ކަމެއް މި އޮންލައިން ކުރަނީ،"

މިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބުގައި ވެސް ހުރިހާ ކެންޑިޑޭޓުން ވެސް ނަތީޖާ ގަބޫލުކުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

https://sun.mv/194415

އެހެންވެ، މި ވަގުތު އިލެކްޓްރޯނިކް ވޯޓިންއަށް ގޮސްފި ނަމަ، ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އިލެކްޓްރޯނިކް ވޯޓިންގެ ވާހަކަ ދައްކާތާ ވަރަށް ދުވަސްވެއްޖެ. އޭރު ވެސް ވާގޮތަކީ ސަރުކާރުގައި ތިއްބަވާ ބޭފުޅުން އެއަށް އެއްބަސްވެވަޑައިގެން އެހެންނަމަވެސް އިދިކޮޅު ޕާޓީގައި ތިއްބަވާ ބޭފުޅުން ބަލައިގަންނަ ތަނެއް ނާދޭ،" އަބަދު ވެސް އިދިކޮޅުގައި އެ އިރެއްގައި އޮންނަ ޕާޓީން އީ ވޯޓިންއަށް ދެކޮޅުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އީ ވޯޓިންއަށް ބަދަލުކުރުމުގެ ވިސްނުން އީސީން ނުގެންގުޅުނު ނަމަވެސް ވަށައިގެން ދެން ހުރި ކަންކަން އޮންލައިން ކުރަމުން އަންނަ ކަމަށެވެ. އެ ބަދަލުތަކާ އެކު ކޮމިޝަންގެ ޚަރަދުތައް ވެސް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް