ދެ އިންތިޚާބު އެއްކޮށްލުމުން މަދުވެގެން 130 މިލިއަން ރުފިޔާ ސަލާމަތްވާނެ: އީސީ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން: މެންބަރު އަލީ ނަޝާތު (ކ). ކޮމިޝަންގެ ރައީސް ފުއާދު (މ) އަދި ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ (ވ) -- ސަން ފޮޓޯ/ އަމަން ލަތީފް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރަން ދެ އިންތިޚާބު އެއްކޮށްލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ. ދެ އިންތިޚާބު އެއްކޮށްލެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ޙުސައިން ވަނީ ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަކުރެވޭނީ ކިހާ މިންވަރަކަށްތޯ ސުވާލު ކުރައްވައިފައެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު: އޭނާ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމުން 130 މިލިއަން ސަލާމަތްކުރެވޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

އެ ސުވާލަށް ޖަވާބުދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، އޭނާ ލަފާކުރައްވާ ގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން އެންމެ ކުޑަމިނުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

"ވަރަށް ގިނަ ޚަރަދުތައް އެއްކޮށް ކުރުމުގެ ސަބަބުން ގާތްގަނޑަކަށް ހާފަށް [ޚަރަދު] ކުޑަވެގެންދާނެ،" ފުއާދު ވިދާޅުވިއެވެ.

https://sun.mv/194050

ފާހަގަކޮށްލެވޭ ގޮތުގައި އީސީން މިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް 120 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި، ރިޔާސީ އިންތިޚާބަށް 180 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ދެ އިންތިޚާބު އެއްކޮށްލަން ހުށަހަޅުއްވާނެކަން ރައީސް އިއުލާނުކުރެއްވީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. ރައީސްގެ ވިސްނުންފުޅަކީ މަޖިލީހުގެ ދައުރު 2028 އަށް ކުރުކޮށްލައި، އެ އަހަރުގެ ރިޔާސީ އިންތިޚާބާ އެކު މަޖިލީސް އިންތިޚާބު ވެސް ބޭއްވުމެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ދައުރު ކުރުކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެއެވެ.

comment ކޮމެންޓް