ރާއްޖޭގައި ކުށްވެރިން އެހާ ރޭވުންތެރިކަމާއެކު ކުށްތަކަށް އަރައިގަންނަނީ އެކަމަށް ބޭނުންވާ މައުލޫމާތު ގާޒީންނާއި ފުލުހުންގެ ފަރާތުން ހޯދައިގެން ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވީ، ކަފާލާތުގެ ދަށުން މީހުން ދޫކުރުމުގެ އުސޫލު ފަސޭހަކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވައެވެ.
އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކެވެ.
މި ބިލަށް ބަހުސްކުރައްވާ ސަލީމް ވަނީ، މީގެ ކުރީގެ ސަރުކާރުތަކުން މިފަދަ ބަދަލުތައް ނުގެނެސް އޮތީ މައްސަލަތަކުން ރެކުމަށްޓަކައި ކަމަށް ތުހުމަތުކުރައްވާފައެވެ.
މި ވޭތުވެދިޔަ އަހަރުތަކުގައި މަސްތުވާތަކެއްޗާ އަދި މި ނޫނަސް ބޮޑެތި ވައްކަމުގެ މައްސަލަތަކުގައި އެއްގޮތަކަށް ވެސް މައްސަލަ ސާބިތުވާތަން ނުފެންނަކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ގާޒީންގެ ވިސްނުން ހުންނަނީ އަބަދުވެސް ކޮންމެވެސް ކަހަލަ 'ލޫޕްހޯލެއް' ބޭނުންކޮށްގެން ނުވަތަ ކޮންމެވެސް އެހެން ގޮތަކުން ކުށްކުރި މީހާ ސަލާމަތްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްގޮތަކަށް ވެސް މި ކުށްކުރާ މީހުން އެ ކުށުގެ އަދަބު ލިބޭނެ ގޮތެއް އެއްވެސް ދިމާއަކުން ވިސްނާ ފިކުރުކޮށްވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އެ ލިބޭތަނެއް. ކުށްކުރާ މީހުންނަށް މިއަދު އެބަ ޔަގީންވޭ ތިމަންނަމެން މިކަމުގައި ނުބެދޭނެކަން. އަދި އެމީހުން މިއަދު މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ނުބެދޭނެ ކަހަލަ ސިސްޓަމަކަށް ރާވައިގެން ރޭވުންތެރިކަމާއެކީގައި [އެކަން ކުރެވޭ]، އަޅުގަނޑު ދަންނަވާނީ ގާޒީންނާއި ބައެއް ފުލުހުންނާ ވެސް ގުޅިގެން މައުލޫމާތު ހޯދައިގެންނޭ މިކަންކަން ކުރިއަށް ގެންދަނީ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ ފުލުހުންގެ ރިޕޯޓުތަކުން ކުށްކުރި މީހާ ކުށްކުރިކަން އެނގޭ ކަމަށެވެ. އަދި ހެކިންނާއި ހެކީގެ ގޮތުގައި އެއްކުރާ ހުރިހާ އެއްޗަކުން ވެސް ކުށްކުރިކަން ސާބިތުކޮށްދޭ ކަމަށެވެ. އެހެންނަމަވެސް ކުޑަކުޑަ ކަމެއްގެ ތެރެއިން އެ މީހާ މައްސަލައިން ސަލާމަތްވާ ގޮތަަކަށް މައްސަލަ ނިމިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ މި ސަރުކާރުން ވީހާވެސް އިންސާފުވެރި ގޮތެއްގައި ކުށްކުރާ މީހުންނަށް ހަމަ އަދަބު ލިބޭ ގޮތަށް ކަމަށާއި އެހެން ނޫންނަމަ މުސްތަގުބަލުގައި ގައުމުގައި މީހުން އުޅޭނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ހަމައެއާއެކު ކަފާލާތަކީ ދޭންޖެހޭ އެއްޗެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
އެގޮތުން ސުޕްރިމް ކޯޓުގައި މައްސަލަ އޮވެ 10 އަހަރުން 15 އަހަރުން ނޫނީ މައްސަލައެއް ނުނިންމޭ ކަމަށާއި އެ ހުރިހާ ދުވަހެއްގައި އެމީހާ ހުންނަނީ ޖަލުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
ނިމޭއިރުގަ ހަގީގަތަކީ ކޮބައިތޯ؟ ނިމޭއިރު އޭނާ ހަތް އަހަރު ޖަލުގައި ހުރެ ކޮބައިތޯ އޭނާއަށް ލިބުނު ބަދަލަކީ؟ ކޮބައިތޯ އޭނާއަށް ލިބުނު އަނިޔާ؟ ކޮބައިތޯ އޭނާއަށް ނަފްސާނީ ގޮތުން ލިބުނު ބަލި؟ ކޮބައިތޯ އޭނާގެ މައިންބަފައިންނަށް ލިބުނު ނިކަމެތިކަން؟ ކޮބައިތޯ އޭނާގެ ދަރިންނަށް ލިބުނު ނިކަމެތިކަން؟ އެހެންނަމަވެސް މި މައްސަލަތައް އަވަސްކުރުމެއް ނެތް. ޖިނާއީ ކޯޓުން ނިންމާ މައްސަލަތައް ހައި ކޯޓަށް ގޮސް، ސުޕްރިމް ކޯޓަށް ނިމޭއިރު މިއޮންނަނީ 10 އަހަރު، 15 އަހަރުވެފަ. އެއްކަލަ މީހާއަށް ހައްގުނޫން އަދަބު ލިބެނީ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ މި ސަރުކާރުން ހައްގު ނޫން ގޮތުގައި އެއްވެސް މީހަކަށް އަދަބު ލިބެން ބޭނުން ނުވާ ކަމަށެވެ. އަދި ޝަރީއަތަކީ ހަގީގަތުގައި ވެސް ހެކީގެ މައްޗަށް ބިނާވާ އެއްޗެއް ކަމަށާއި ހެކި ހުރިނަމަ ކުށް ސާބިތުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު ކުށެއްކުރާކަށް އެއްވެސް މީހަކު ބިރު ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ވައްކަންކޮށް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ އެ ނޫން ވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހާ އަބަދުވެސް ސަލާމަތްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް 13، 14 އަދި 15 އަހަރުގެ ކުޑަ ކުދިން ވެސް ކުށުގެ ތެރެއަށް މިހާރު ވަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަފާލާތުގެ ބިލު ހުށަހެޅި އިރު އެ ބިލުގައި ވަނީ ސައިބާ ކުށްތައް ހުއްޓުވުމުގައި ތަންފީޒީ އިދާރާތަކަށް އިތުރު ބާރުތަައް ލިބޭނެ އުސޫލުތައް ހިމަނާފައެވެ. އަދި ކަފާލާތުގެ ދަށުން މީހުން ދޫކޮށްލުން މިހާރަށް ވުރެ ފަސޭހަވާނެ އުސޫލުތައް ވެސް ހިމަނާފައިވެއެވެ.
މި ބިލުގެ މަގުސަދަކީ ސައިބާ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭން ޖެހޭ ބާރުތައް ލިބިދިނުމާއި އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައެޅުމެވެ.
އަދި މިހާރު ވެސް އަމަލުކުރަމުން އަންނަ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުރުމަށްޓަކައި ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ.