ފަހު ފުރުސަތުގައި ވެސް ހާޝިމް މަޖިލީހަށް ހާޒިރެއް ނުވި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: ފަހު ފުރުސަތުގައި ވެސް އޭނާ މަޖިލީހަށް ހާޒިރެއް ނުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރުވެވަޑައިގަތުމަށް އެރުވި ފަހު ފުރުސަތުގައި ވެސް ކޮމިޓީއަށް ހާޒިރުވާން ގަވަރުނަރު އަލީ ހާޝިމް މިއަދު އުޒުރުވެރިވެވަޑައިގެންފިއެވެ.

ޒިންމާއަދާނުކުރައްވާ ކަމަށް ވިދާޅުވެ، މާލިއްޔަތު ކޮމިޓީގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ. ކޮމިޓީއަށް ޖަވާބުދާރީވާން މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ގަވަރުނަރަށް ވަނީ ނޯޓިސް ފޮނުވައިފައެވެ. އެކަމަކު، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ހާޝިމް ވަނީ ދެ ފަހަރު ވެސް ކޮމިޓީއަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގެންފައެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ، ހާޝިމް ކޮމިޓީއަށް ހާޒިރުވާން އެރުވި ފަހު ފުރުސަތުގައި މިއަދު ވެސް ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ.

އެހެންވެ، ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވަނީ އިތުރު ފުރުސަތެއް އެރުވުމަކައިނުލާ، ލިޔުމުން ގަވަރުނަރު ދެއްވި ޖަވާބުގެ އަލީގައި މައްސަލައިގައި ގޮތެއް ނިންމަން ހުށަހަޅުއްވައިފައެވެ.

https://sun.mv/194370

ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ވީހާ ވެސް އަވަހަކަށް ގަވަރުނަރު މަގާމުން ވަކިކޮށް، އެ މަގާމަށް ޒިންމާ އަދާކުރެވޭ ވަރުގެ ބޭފުޅަކު އައްޔަންކުރައްވަން ގޮވާލައްވައިފައެވެ.

ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.

https://sun.mv/194336

އަދި، ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެ ތުހުމަތުތަކަށް ގަވަރުނަރު ވަނީ ލިޔުމުން ރައްދުދެއްވާފައެވެ. އެ ގޮތުން، ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭއާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ

comment ކޮމެންޓް