ގަވަރުނަރުގެ ދިފާއު: ލަފާ ދިނިން، ސަރުކާރުން އަމަލު ނުކުރީ

އެމްއެމްއޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ވިދާޅުވީ ދެ އަހަރު ދެއްވި ލަފާތަކަށް ވެސް ސަރުކާރުން އަމަލެއް ނުކުރި ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިފަދައިން ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

އެ މައްސަލާގައި ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްޙޫރިއްޔާއަށް ލަފާ ދިނުމަށް މިއަދު މާލިއްޔަތު ކޮމެޓީން ތާވަލުކުރި ބައްދަލުވުމަށް ގަވަރުނަރު ވަޑައެއްނުގަންނަވައެވެ.

މަޖިލީހަށް ފޮނުވި ސިޓީއެއްގައި ގަވަރުނަރު ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގަންނަވާ ކަމަށެވެ. މަޖިލީހުން 'ސަން' އަށް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އެ ސިޓީއާއެކު ގަވަރުނަރަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ ލިޔުމުން ޖަވާބު ވެސް ދެއްވާފައެވެ.

އޭގައި ގަވަރުނަރު ވިދާޅުވީ، އިގްތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެ އެމްއެމްއޭއިން ފޯރުކޮށްދިން ކަމަށް އޭނާ އާއި އެ އޮތޯރިޓީން ވެސް ގަބޫލުކުރައްވާ ކަމަށެވެ.

ވޭތުވެދިޔަ ދެ އަހަރުތެރޭގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި މަޝްވަރާތަކުން، އިގްތިސާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިގްތިސާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ މި އޮތޯރިޓީން ހިއްސާ ކޮށްފައިވާކަން އެނގިލައްވާނެ،

ހަމައެއާއެކު އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީން ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވަނީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ނުދިނުމާއި އެމްއެމްއޭގެ މައިގަނޑު މަގްސަދުތައް ހާސިލުކުރަން މަސައްކަތް ނުކުރާ ކަމަށް ކުރާ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ.

އެގޮތުން އެމްއެމްއޭއިން ކޮށްފައިވާ ކަންތައްތަކާއި މީގެ ކުރިން ވެސް ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ވަނީ ހިއްސާކުރައްވާފައެވެ.

އޭގެތެރޭގައި މިއަހަރުގެ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހަށް އެމްއެމްއޭގެ ލަފާ ހުށަހެޅި ކަމަށާއި އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން އެކި މަރުހަލާގައި ލިޔުމުންނާއި ފިނޭންސް އަދި މަޖިލީހާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ހިއްސާކުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް: އޭނާ ވަނީ ގަވަރުނަރު ޒިންމާ އަދާނުކުރާ ކަމަށް ވިދާޅުވެ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

ގަވަރުނަރު މަގާމުން ވަކިކުރަން ހުށަހަޅުއްވާ ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ ގޮތުން ކޮމިޓީން ހާޝިމް ވަކިކުރަން ނިންމުމުން މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާނުކުރައްވަން ޖެހޭނެއެވެ. އެއަށްފަހު ޖަވާބުދާރީވުމުގެ ފުރުސަތެއް އަރުވައި، ފަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މާލީ ވަޒީރުކަން ވެސް ކުރައްވައިފައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8, 2019 ގައެވެ.

comment ކޮމެންޓް