ކަރަންޓު ބިލު ބޮޑުވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް: އޭނާ ކަރަންޓު ބިލު ބޮޑުވާތީ ހުށަހެޅި ކުއްލި މައްސަލަ ވަނީ ބަލައިގެންފައި -- ފޮޓޯ/ މަޖިލިސް

ފާއިތުވީ މަސްތަކުގައި ކަރަންޓު ބިލުތައް ބޮޑުވާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

މަޖިލިސް ތަޅުމުން އެ ކުއްލި މައްސަލަ ބަލައިގަތީ 61 މެންބަރުންގެ ވޯޓާއެކުއެވެ.

އެ ކުއްލި މައްސަލާގައި ވަނީ ސަރުކާރުން ކަރަންޓު ފޯރުކޮށްދޭ ކުންފުނިތައް ކަމަށްވާ ފެނަކައާއި ސްޓެލްކޯގެ ބިލުތައް ބޮޑުވެފައިވާތީ އެކަމާ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި މީހުން އެކަމާ ގުޅިގެން ސުވާލުތައް އުފައްދާ، ކަރަންޓު ބިލު ބޮޑުވާތީ ޝަކުވާތައް ކުރާ ކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެއިތުރުން، ބިލުތަކުގެ ތަފްސީލުތައް ހާމަކޮށްފައި ނުވާ ކަމަށާއި ސްޓެލްކޯއިން އެކަން ސާފުކޮށްދީ ރައްޔިތުންގެ ދަތި ހާލަތު ހައްލުކޮށްދޭން އެ ކުއްލި މައްސަލާގައި ވަނީ ގޮވައިލާފައެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު-- ފޮޓޯ/ މަޖިލިސް

އެ މައްސަލައަށް ބަހުސްކުރައްވާ، އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މިއީ މީޓަރަށް އަންނަ ބަދަލެއްތޯ ނުވަތަ ކޮން ކަމެއްގެ ސަބަބުން އަންނަ ބަދަލެއްތޯ ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި ކަރަންޓު ބިލަށް ޗާޖުކުރާ އަދަދަކީ ފްލެޓު ރޭޓެއްގައި ހިފެހެއްޓޭ އަގަކަށް ހަދަން ޖެހޭ ކަމަށް އޭނާ ގޮވާލެއްވިއެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވެސް ވަނީ އެ މައްސަލައަށް ތާއީދުކުރައްވާ ބަހުސްކުރައްވާފައެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، މިއީ މިދިޔަ ފަސް އަހަރު ވެސް އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް ސްޓެލްކޯއިން ވެސް އަދި ސަރުކާރުން އެ މައްސަލަ ދިރާސާ ނުކުރާކަމަށް ޒަރީރު ވިދާޅުވިއެވެ.

އެ ޕާޓީގެ ނައިބު ރައީސް, އަދި ތަރުޖަމާނު، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް

ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އައްބާސް ވިދާޅުވީ މިއީ މިއަދު ނުވަތަ އިއްޔެ ދިމާވާންފެށި މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން، މިއީ 2014 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވެސް އޭގެ އުނދަގޫޖެހޭކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކީ ކޮންމެ މަހަކު ވެސް ކަރަންޓު ބިލުތައް ބޮޑުވުމެވެ. ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމުން ވެސް ކަރަންޓު ބިލު ކުޑަނުވާ ކަމަށް ބުނެ ބައެއް އާންމުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރެއެވެ. އަދި ޗުއްޓީއަށް ގެ އެއްކޮން ނިއްވާލާފައި ދިއުމުން ވެސް ކަރަންޓު ބިިލު ކުޑަނުވާ ކަމަށް އާންމުންގެ ބައެއް މީހުން ތުހުމަތުކުރެއެވެ.

ކަރަންޓު ބިލު ބޮޑުވާތީ މިދިޔަ މެއި މަހު ވެސް މީހުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި އެ ޝަކުވާތައް ސްޓެލްކޯއަށް ވެސް ހުށަހަޅާފައިވެއެވެ.

ސޯޝަލް މީޑިއާގައި ވެސް މީހުން އަންނަނީ ކަރަންޓު ބިލުގެ ފޮޓޯ ހިއްސާކޮށް އެކަމުގެ ޝަކުވާތައް ކޮށްފައެވެ.

comment ކޮމެންޓް