މާފުށީ ޖަލުގައި ފޯނުތައް ލޮކޭޓްކުރެވޭ ގޮތަށް ޕްރެސިޝަން ސެލް ލޮކޭޓާސްތަކެއް ހަރުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މާފުށި ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުން ކުރާ ކަމަށެވެ.
މިނިސްޓަރު ވަނީ އެފަދަ ހާދިސާއެއް ހިއްސާ ކުރައްވާފައެެވެ. މިގޮތުން ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި، ޖަލުގައި އޮތް ގައިދީއެއްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ޕޯސްޓުތައް ފެނުން ކަމަށެވެ. އެހެންވެ، އެ ޖަލު ރެއިޑްކޮށް، ބެލިއިރު ގިނަ އަދަދެއްގެ ފޯނާއި ޗާޖަރު ހުރި ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ ގޮތަށް ތިން ފަހަރަށް އެ ޖަލު ރެއިޑް ކުރި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ހާދިސާއަށް ފަހު މާފުށީ ޖަލު ސިސްޓަމެޓިކަލީ ހުޅުވިފައި އޮތްކަން ގަބޫލު ކުރެވުނު ކަމަށެވެ.
އެހިސާބުން ފެށިގެން ޕޮލިސް އިންޓެލިޖެންސުން މަސައްކަތް ކުރި ތިން މަސްދުވަހުގެ މަސައްކަތުން މި ނެޓްވޯކް [ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވި މައްސަލަ] މި އައިޑެންޓިފައި ކުރެވުނީ. އައިޑެންޓިފައި ކުރެވުނު ހިސާބުން، އަޅުގަނޑުމެން ބޮޑު ތާސްކްފޯހެއް އެކުލަވާލައިފައި، ރެއިޑްކޮށްފައި، މި ހުރިހާ ކުދިން މި ހައްޔަރު ކުރީ
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު 27ގައި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވެވާކަން އެނގިފައިވާކަމަށާއި އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ހާމަވެފައިވާ ކަމަށެވެ. އޭރު ހައްޔަރު ކުރީ ޖުމްލަ އަށް މީހުންނެވެ.
އެކަން ފާހަގަކުރައްވައި، މިއަދު މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ލޮކަރުތަކުން ވެސް ބައިވަރު ފޯނުތަކާއި ޗާޖަރުތައް ފެނުން ކަމަށާއި އޭގެ ފަހުން ސިފައިންނާއި ފުލުހުންނާއި ގުޅިގެން މުޅި ޖަލު އެއްކޮށް ސާފު ކުރި ކަމަށެވެ.
މީގެއިތުރުން، އެ މައްސަލާގައި އިތުރު މީހަކު ބަންދުކޮށްފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވިރު، މާފުށި ޖަލުގައި މެޓަލް ޑިޓެކްޓު ކުރެވޭނެ ގޮތެއް ނެތް ކަމަށާއި މިހާރު އެ ޖަލުގައި މެޓަލް ޑިޓެކްޓާ ދޮރު ހަރުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެއާޕޯޓްތަކުގައި ހުންނަ ކަހަލަ ބޮޑީ ސްކޭނިން މެޝިނެއް ޖަލުގައި ހަރު ކުރައްވާނެ ކަމަށެވެ.
އޭގެއިތުރުން، ޖަލުގައި ތިބޭ ގައިދީން ބޭނުން ކުރާ ފޯނުތައް ލޮކޭޓްކުރެވޭ ގޮތަށް ޕްރެސިޝަން ސެލް ލޮކޭޓާސްތަކެއް ވަރަށް އަވަހަށް ހަރުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ހިސާބުން އަޅުގަނޑުމެނަށް މިކަން އެއްކޮށް ހައްލުވާނެ، އަޅުގަނޑުމެން މާފުށި ޖަލުގައި ވަރަށް އަވަހަށް ހަރުކުރާނަން ޕްރެސިޝަން ސެލް ލޮކޭޓާސްތަކެއް. މާނައަކީ ފޯނުތައް ހަމަ ދިއްލޭ ހިސާބުން ވަގުތުން ލޯކޭޝަން އެނގޭ ކަހަލަ ލޮކޭޓާތަކެއް އަޅުގަނޑުމެން އެބަ ހޯދަން. ހޯދާފައި އޭގެ އެލީގައި އެކަން ކުރަނާން. އަދި ޖޭމް ވެސް ކުރާނަން
ރާއްޖޭގައި ބައިވަރު ޖަލުތައް ހަދައިގެން ބޮޑު ޚަރަދެއް އެކަމަށް ހިނގާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސެންޓްރަލް އެއް ޖަލު ހެދުން ކަމަށާއި އެތަނުގައި ގާއިމު ކުރަން ޖެހޭ ސެކިއުރިޓީ ކަންތައްތައް ވަރުގަދަ ކުރުމަށް ފަހު ޖަލު އެއްކޮށް ހައްލަކަށް ގެންނަވާނެ ކަމަށެވެ.
ޖަލުގައި ފޯނު ބޭނުން ކުރުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާއިރު މިއީ ޒަމާންވީ އަދި ހައްލު ލިބިފައި ނުވާ މައްސަލައެކެވެ. ގައިދީން ޖަލުގައި ތިބެ ކުރާ ފޯނުތަކުން މީހުންގެ އަތުން ފައިސާ ފޭރުމަކީ ވެސް އާއްމު މައްސަލައެކެވެ.