މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުން އާއިލާ އާ ބައްދަލުކުރާ ގެ ތަރައްޤީކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލުގެ ޢާއިލީ ބައްދަލުކުރާ ގެ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ހުޅުމާލޭ ޖަލުގެ ޑައިރެކްޓާ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲގެ އިތުރުން ހުޅުމާލެ ޖަލުގެ ސީނިއާ މެނޭޖްމަންޓާއި އެ ޖަލުގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
ހުޅުމާލޭ ޖަލުގައި ޢާއިލާއާއި ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ މީގެ ކުރީން ފަހަރަކު އެއް ޢާއިލާއަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެކެވެ.
ނަމަވެސް އެމްސީއެސްއިން ބުނީ މިއަދު ހުޅުވުނު ބައްދަލުކުރާ ގެއަކީ އޭސީކޮށް، ޖާގައިގެ ގޮތުން ތަނަވަސް، ފަހަރަކު ތިން ގައިދީންނަށް އެ މީހުންގެ ޢާއިލާއާ ބައްދަލުކުރުގެ ފުރުޞަތު ލިބިގެންދާނެ ގެެއެއް ކަމަށެވެ. އަދި ބައްދަލުވުމަށް ޢާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަކިޔުމާއި، ކުޅުން ފަދަ ކަންކަމަށް ޚާއްސަ ކިޑްސް ކޯނާއެއް ޤާއިމުކޮށްފައިވާނެ އެމްސީއެސްއިން ބުނެއެވެ.
އަދި މީގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން އޭސީކޮށްފައިވާ ވެއިޓިން ރޫމްއެއް ވެސް ޤާއިމްކޮށްފައި ވާނެ ކަމަށާއި މި ވެއިޓިން ރޫމް ބޭނުންކުރާނީ އާއިލާއިން ބައްދަލުކުރުމަށް ހާޒިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށް އެމްސީއެސްއިން ބުންޏެވެ.
އެމްސީއެސްއިން ބުނީ މި ބައްދަލުކުރާގޭގެ ސަބަބުން ޤައިދީންނަށާއި ބަންދުމީހުންނަށް ފޯރުކޮށްދެވޭ ޢާއިލީ ބައްދަލުވުމުގެ އަދަދު 100 އިންސައްތައަށް އިތުރުވާނެކަމަށެވެ.