މަޖީދިއްޔާ ސުކޫލަށް ގަރުނެއް ފުރޭތީ، ހަނދާނީ ބިނާއެއް ހަދަނީ

މޮނިއުމަންޓު ހުންނާނެ ގޮތުގެ ތްރީޑީ ކުރެހުމެއް: މަޖީދިއްޔާ ސުކޫލަށް ގަރުނެއް ފުރޭތީ، 1،000 ދުވަހުގެ ކައުންޓް ޑައުން ފަށަނީ މޮނިއުމަންޓަކުން ---- ފޮޓޯ/ އަޒްމީ

މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރޭތީ، ހަނދާނީ ބިނައެއް ހަދަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުޙައްމަދު އަޒްމީ ރަޝީދު ވިދާޅުވީ، އެ ހަނދާނީ ބިނާ އިމާރާތް ކުރަން ނިންމާފައިވަނީ 'ކްރައުޑް ފަންޑިން ކެންޕޭން'ގެ ދަށުން ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާއިން ކަމަށެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އެ ޖަމިއްޔާއިން ވަނީ ހުޅުވާލާފައެވެ. ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކަށް ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް އެހީ ޖަމާކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޒްމީ ވިދާޅުވީ ހަނދާނީ ބިނާގެ ހުރިހާ މަސައްކަތަކަށް ދާނެ ޚަރަދު ކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައި ވަނީ ހަތަރު ލައްކަ ރުފިޔާ ކަމަށެވެ.

އެ ހަނދާނީ ބިނާއަކީ މަޖީދިއްޔާ ސްކޫލްގެ އެހާރާއި މިހާރު ރަމްޒުކޮށްދީ، ގުޅުވައިދޭނެ ބިނާއެއް ކަމަށާއި އެ ސުކޫލުގެ މުސްކުޅި ދަރިވަރުންގެ ހަދިޔާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލު: މަޖީދިއްޔާ ސުކޫލަށް ގަރުނެއް ފުރޭތީ، 1،000 ދުވަހުގެ ކައުންޓް ޑައުން ފަށަނީ މޮނިއުމަންޓަކުން -- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް

އަޒްމީ އިތުރަށް ވިދާޅުވީ، ސްކޫލަށް 100 އަހަރު ފުރޭނެ ތާރީޚަށް 1000 ދުވަހުގެ ކައުންޓްޑައުންއެއް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކައުންޓްޑައުން ހަރަކާތްތަކާ ގުޅުވައިގެން، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ތެރެއިން ސްކޫލް ދުވަސްވަރާއި އޭގެ ފަހުން ވެސް މިޔުޒިކް ކުޅުއްވި ބައެއް ބޭފުޅުން އިސްނަންގަވައިގެން "މަޖީދީ ދަންމަރު"ގެ ނަމުގައި ޚާއްޞަ މިޔުޒިކް ޝޯއެއް އަންނަ ބުދަ ދުވަހު ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

https://sun.mv/194356

ޝޯ ބާއްވަން ނިންމާފައިވަނީ އެރޭ 9:00 ގައި މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން މާލަމުގައެވެ.

އެހާރާއި މިހާރުގެ ލަވަތަކުން ފަޅުފިލުވައިދޭނެ މި ޝޯގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. ޓިކެޓްގެ އަގުތަކަކީ 300 ރުފިޔާ، 200 ރުފިޔާ އަދި 150 ރުފިޔާއެވެ.

ޓިކެޓް ލިބޭނީ މަޖީދިއްޔާގެ ހަތަރު ނަންބަރު ގޭޓު (އަމީރު އަޙްމަދު މަގު) އިންނެވެ. ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން 12:00 އަށް، ހަވީރު 4:00 އިން 6:00 އަށް، ރޭގަނޑު 8:00 އިން 10:00 އަށެވެ.

ޓިކެޓް ވިއްކާ ހޮޓްލައިން ނަންބަރަކީ 7355788 އެވެ.

comment ކޮމެންޓް