ކުރީގެ ހަނދާންތަކާއެކު ''މަޖީދީ ދަންމަރު'' އަންނަނީ؛ ނުގޮސް ދޫކޮށްލާވަރުގެ ޝޯއެއް ނޫން!

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް، 1000 ދުވަހުގެ ކައުންޓްޑައުން މި ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. ކައުންޓްޑައުން ޙަރަކާތްތަކާ ގުޅުވައިގެން، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ތެރެއިން ސްކޫލް ދުވަސްވަރާއި އޭގެ ފަހުން ވެސް މިޔުޒިކް ކުޅުއްވި ބައެއް ބޭފުޅުން އިސްނަންގަވައިގެން "މަޖީދީ ދަންމަރު"ގެ ނަމުގައި ޚާއްޞަ މިޔުޒިކް ޝޯއެއް ޖުލައި މަހުގެ 24 ވަނަ ދުވަހު ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ޝޯ ބާއްވަން ނިންމާފައިވަނީ އެރޭ 9:00 ގައި މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން މާލަމުގައެވެ.

މި ޚާއްޞަ ޝޯގައި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ މިޔުޒިކީ މައިދާނުގައި މަޝްހޫރު އެތައް ފަންނާނުންނެއްގެ މިޔުޒިކީ ހުނަރުވެރިކަން ފެންނާނެއެވެ. އެކުގައި މިޔުޒިކް ކުޅުއްވި އެތައް ފަންނުވެރިން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެންނާނެއެވެ. ކުރީގެ ހަނދާންތައް އާވާނެ އެތައް ލަވަޔަކާއި މިޔުޒިކީ ހުނަރުވެރިކަން ފެންނާނެއެވެ.

މި ޝޯގައި ފެންނާނެ ބޭފުޅުންގެ ތެރޭގައި މައިޒާން ޢަލީ މަނިކު، ޢަބްދުއްރަޝީދު ޢަލީ (އަބުސީ)، ޕެނަމާ ޝަފީޤް، ޝަމްޢޫން ޙަމީދު، އިބްރާހީމް ޢާމިރު، ފަޔާޒް މަންޞޫރު، މުޙައްމަދު ސުހައިލް، ޢަބްދުﷲ ޝަމާލް، އަޙްމަދު އަނިލް، އަޙްމަދު ޢާމިރު، އަޙްމަދު ސުނިލް، އަޙްމަދު ޢާޠިފް (އެކްސްރޭ)، މަބާޙް، އަޙްމަދު އިބްރާހީމް (އައްމަޑޭ)ގެ އިތުރުން ވެސް އެތައް ފަންނާނުންނެއް ހިމެނެއެވެ.

އެހާރާއި މިހާރުގެ ލަވަތަކުން ފަޅުފިލުވައިދޭނެ މި ޝޯގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފައެވެ. ޓިކެޓްގެ އަގުތަކަކީ 300 ރުފިޔާ، 200 ރުފިޔާ އަދި 150 ރުފިޔާއެވެ.

ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކަށެވެ. ޓިކެޓް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނީ މަޖީދިއްޔާގެ ހަތަރު ނަންބަރު ގޭޓު (އަމީރު އަޙްމަދު މަގު) އިންނެވެ. ޓިކެޓް ވިއްކާނީ ހެނދުނު 10:00 އިން 12:00 އަށް، ހަވީރު 4:00 އިން 6:00 އަށް، ރޭގަނޑު 8:00 އިން 10:00 އަށެވެ. ޓިކެޓް ހޮޓްލައިން ނަންބަރަކީ 7355788 އެވެ.

comment ކޮމެންޓް