ސްކޫލުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަކީ އެ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިހުތިރާމްކޮށް ލޯބިވާ ކުދިންތަކެއް ކަމުގައި ވުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އެހެން މީހުންނަށް އިޚްތިރާމްކުރާ އަދި ރިވެތި ސިފަތަކެއް އަށަގެނެފައިވާ ދަރިވަރުންތަކެއް އުފެއްދުމަށްޓަކައި ސްކޫލްތަކުގައި ތަރުބަވީ ޚާއްސަ ޕްރޮގްރާމެއް ކަމަށްވާ "ބިންގާ" ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ދަރިވަރުންގެ ހިތުގައި ކުލުނުވެރިކަމާ، ޚާއްސަކޮށް މުދައްރިސުންނާއި، މައިންބަފައިންގެ އިތުރުން މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިހްތިރާމުކުރުމުގެ ސިފަ އަށަގެންނެވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ވަޒީރު ވިދާޅުވީ، ދަރިވަރުން ތައުލީމަށް ލޯބިކުރާނަމަ ކުރުން އެންމެ މުހިންމު ކަމަކީ ކިޔަވައިދޭ މުދައްރިސުންނަށް އިހުތިރާމުކޮށް ލޯބިކުރުންކަމަށެވެ. އަދި މުޖުތަމައުގައި އުޅޭ އެންމެ އިހްތިރާމާއި ލޯބި ލިބެންޖެހޭ ދެރަ ނިކަމެތި މީހުންނަށް އިހްތިރާމް ކުރުމާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެންމެހާ މީސްތަކުންނަށް އިހްތިރާމް ކުރުމަށް މިނިސްޓަރު އިލްްްްްތިމާސް ކުރެއްވިއެވެ.
"ތިޔަކުދިން ތަޢުލީމަށް ލޯބިކުރާކަމަށްވާނަމަ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންވީ ކަމަކީ ކިޔަވައިދެއްވާ މުދައްރިސުންދެކެ ލޯބިވުން. ތިޔަކުދިންގެ މަންމައާއި ބައްޕަގެ ބަސް އެހުން. އަދި ތިޔަކުދިން ތިޔަކުދިންގެ މުޖުތަމައުގައި އުޅޭ އެންމެ އިހްތިރާމާއި ލޯބި ލިބެންޖެހޭ ދެރަ ނިކަމެތި މީހުންނަށް އިހްތިރާމް ކުރުމާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެންމެހާ މީސްތަކުންނަށް އިހްތިރާމް ކުރުން،" މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީހާގެ ހަގީގީ ތަޞައްވުރު އެނގިގެންދާނީ އެހެންމީހުންނާ ދެމެދުގައި އުފެދޭ ކުލުނާއި އިހްތިރާމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލަކީ ތަޢުލީމީ ނިޒާމް ކުރިއެރުމަށާއި އަންނަން އޮތް ޖީލަށް ތަޢުލީމް ފޯރުކޮށްދިނުމުގައި އެހެން ސްކޫލްތަކަށް ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަކިވަކި މާއްދާތަކުން ކުރިއެރުން ހޯދުމުގެ އިތުރުން، ދަރިވަރުންގެ ކިބައިގައި އެކި ހުނަރުތައް އަށަގަތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، މި ސަރުކާރުން އެކަމަށް އިސްކަންދީގެން ހުނަރު ދަސްކޮށްދޭ ޚާއްސަ ސްކޫލެއް ހުޅުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސްކޫލްގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު 40 ކްލާސްރޫމްގެ އައު އިމާރާތެއް ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސްކޫލްގެ ދާރުލް އުލޫމަކީ ތަޢުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހެދުމަށް ނިންމާފައިވާކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ އައު ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް މިނިސްޓަރު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ. އަދި މަޖީދިއްޔާގެ 100 އަހަރު ރަމްޒްކޮށްދޭ ޚާއްސަ ބިނާގެ މަސައްކަތް، އަންނަ އަހަރު ސްކޫލަށް ސަތޭކަ އަހަރު ފުރެންވާއިރަށް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.