މަޖީދިއްޔާގެ ސްކޫލުގެ ފުރަތަމަ އަންހެން ކެޕްޓަނަކަށް އީޝަލް

މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ އަންހެން ކެޕްޓަން އައިޝަތު އީޝަލް އިބްރާހީމް --- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ރާއްޖޭގެ އެންމެ ދުވަސްވީ ތައުލީމީ މުއައްސަސާ ކަމަށްވާ މަޖީދިއްޔާ ސްކޫލަށް ފުރަތަމަ ފަހަރަށް އަންހެން ކެޕްޓަނަކު ހޮވައިފިއެވެ. މި މަގާމަށް ހޮވިފައިވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުން އަންނަ އައިޝަތު އީޝަލް އިބްރާހީމެވެ. އީޝަލް ކެޕްޓަން ކަމަށް ހޮވާފައިވަނީ އޭނާގެ ތައުލީމީ ފެންވަރަށާއި ދަރިވަރުންގެ މެދުގައި ނެގުނު ވޯޓުގެ ނަތީޖާއަށް ބަލައިގެންނެވެ.

  • މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ އަންހެން ކެޕްޓަނަކަށް އައިޝަތު އީޝަލް އިބްރާހީމް ހޮވުން.
  • މި ކެޕްޓަންކަން ދީފައިވަނީ ތައުލީމީ ނަތީޖާއާއި ދަރިވަރުންގެ ވޯޓަށް ބިނާކޮށް.
  • މަޖީދިއްޔާ ސްކޫލުގައި 2011 ވަނަ އަހަރުން ފެށިގެން އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުން.
  • މިއީ އެ ސްކޫލަށް 99 އަހަރު ފުރޭ މުނާސަބަތުގައި ލިބުނު ބޮޑު ކުރިއެރުމެއް.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލަށް ފުރަތަމަ ފަހަރަށް އަންހެން ކެޕްޓަނަކު ހޮވައިފިއެވެ.

މަޖީދިއްޔާ ސްކޫލުގައި 1927 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ކިޔަަވައިދިނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށެވެ. ނަމަވެސް 2011 ވަނަ އަހަރު އެ އުސޫލަށް ބަދަލު ގެނެސް، އަންހެން ދަރިވަރުންނަށް ވެސް ކިޔަވައިދޭން ވަނީ ފަށައިފައެވެ.

ފުރަތަމަ ފަހަރަށް މަޖީދިއްޔާ ސްކޫލުން އަންހެން ދަރިވަރުން އައިޖީސީއެސްއީ އަދި އެސްއެސްއީ އިމްތިޚާނުގައި ބައިވެރިވީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު 2021 ވަނަ އަހަރެވެ.

އެ ސްކޫލަށް މި އަހަރު، 99 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު މި އަހަރު ވަނީ އަންހެން ކެޕްޓަނަކު ހޮވައިފައެވެ. މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ އަންހެން ކެޕްޓަނަކަށް ހޮވިފައިވަނީ އެ ސްކޫލުގެ ގްރޭޑް 10ގައި ތައުލީމް ހާސިލްކުރަމުން އަންނަ އައިޝަތު އީޝަލް އިބްރާހީމެވެ.

އޭނާ ސްކޫލުގެ ކެޕްޓަންކަމަށް ހޮވާފައިވަނީ ތައުލީމީ ފެންވަރަށާއި، ދަރިވަރުންގެ މެދުގައި ސްކޫލުގެ ކެޕްޓަން ހޮވުމަށް ނެގި ވޯޓުގެ ނަތީޖާއަށް ރިއާޔަތްކޮށްފައެވެ.

އިއްޔެ މަޖީދިއްޔާ ސްކޫލުގައި ސްޓޫޑެންޓް ކައުންސިލް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އީޝަލްއަށް ރަސްމީކޮށް ސްކޫލުގެ ކެޕްޓަންކަމުގެ މަގާމު ހަވާލުކޮށްފައެވެ.

ރާއްޖޭގައި ތައުލީމު ފޯރުކޮށްދިނުމަށް ހިންގާ އެންމެ ގިނަ ދުވަސްވީ މަޖީދިއްޔާ ސްކޫލަކީ ތާރީޚީ ސްކޫލެކެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވި ގިނަ ބޭފުޅުން ތައުލީމު ހާސިލުކުރައްވައިފައިވަނީ އެ އެ ސްކޫލުންނެވެ.

comment ކޮމެންޓް