މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ގަވަރުނަރަށް އަންގައިފައިވަނިކޮށް، މިއަދު ވެސް ކޮމިޓީއަށް ހާޒިރު ނުވެވޭނެކަމަށް އަންގައިފިއެވެ.
ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވެސް ގަވަރުނަރު ހާޒިރުކުރަން ކޮމިޓީގައި އެޖެންޑާކުރިއެވެ. ނަމަވެސް އެ ކޮމިޓީ ވަނީ ކެންސަލްވެފައެވެ.
އެއާއެކު އިއްޔެއާއި މިއަދު ވެސް ހެނދުނު 11:00 އަށް އެޖެންޑާކުރި ކޮމިޓީ ބައްދަލުވުމަށް ގަވަރުނަރު ހާޒިރުވެވަޑައެއްނުގަތެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، އިއްޔެއާއި މިއަދު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގެންނެވޭނެކަން އެންގި ކަމަށެވެ.
އެހެންކަމުން ކޮމިޓީން ނިންމީ އަދި އެއް ފުރުސަތު ދިނުމަށެވެ. އެގޮތުން މާދަމާ ވެސް 11:00 އަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށް ގަވަރުނަރު ހާޒިރުވެވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް ވަނީ ނިންމާފައެވެ.
ގަވަރުނަރު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ވަނީ މީގެ ކުރިން ފާސްކޮށްފައެވެ.
ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެންބަރު ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.
އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ ތުހުމަތުތަކަށް ގަވަރުނަރު ވަނީ އިއްޔެ ރައްދުދެއްވާފައެވެ. އެގޮތުން ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.
މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ