އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރާ މައްސަލަތައް ކުރިއަށް ނުދާ ކަމަށާއި ކޮމިޝަނަށް ''ވާކަމެއް ހަރާން''ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަނީ އޭސީސީގެ ބޭފުޅުން ހާޒިރުކޮށްފައެވެ. މި ކޮމިޓީގައި ނާޒިމް ވިދާޅުވީ، އޭސީސީން ތަހުގީގުކުރާ މައްސަލަތައް ގިނަ ދުވަސްތަކަކަށް ދެމިގެންދާ ކަމަށެވެ. އަދި އޭސީސީން މައްސަލައެއް ބަލަން ފެށުމުން އެ މައްސަލަ އެހެން ބަޔަކަށް ނުބެލޭ ކަމަށާއި، އޭސީސީން މައްސަލަތައް ހިފައްޓަނީ ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެހެންވެއްޖެކަމަށް ވަންޏާ ތިބޭފުޅުން ވަރަށް ބޮޑު މެންޑޭޓެއް ހިފައްޓަވައިގެން އެކަން ނުކުރައްވާ ތި ތިބެނީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ، މައްސަލަތަކަށް ދައުވާ ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދެނީ އަށް އަހަރު ކަމަށެވެ. ނަމަވެސް، މައްސަލަތައް އޭސީސީގައި ހިފައްޓާފައި ބޭއްވުމަށް ފަހު ކޯޓަށް ފޮނުވާއިރު އަށް އަހަރު ފާއިތުވާކަމަށް ނުވަތަ އަށް އަހަރު ވާން ގާތްވެފައި ހުންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހިސާބުން އެ މައްސަލަ ކޯޓުން ބޭރުވާކަމަށާއި މީގެކުރިން ވެސް، އޭސީސީން ކޯޓަށް ފޮނުވި މައްސަލައެއް ކޯޓުގައި އޮވެގެން އަށް އަހަރު ވާން ގާތްވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
"ތިބޭފުޅުން ހަމަ ކޮންމެ ދައުރެއްގައި ވެސް އެއް ވާހަކައެއް ދައްކަނީ. ވާކަމެއް ހަރާން. ދެން އަނެއްކާ އަޅުގަނޑުމެން ވީ ތިބޭފުޅުން ވެސް ބަދަލުކުރަން. އަނެއްކާ ވެސް އަނެއް ފަސް މީހުން އައިސްފައި ވެސް މިހެން. ކޮބައިތޯއޭ މިކަމުގައި އޮތް ހައްލަކީ،" އޭސީސީއާމެދު ނުރުހުން ފާޅުކުރައްވައި ނާޒިމް ވިދާޅުވިއެވެ.
އޭނާގެ މައިގަނޑު ކަންބޮޑުވުމަކަށްވީ މިދިޔަ ދައުރުގައި ފެނަކައާ ގުޅިގެން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވާއިރު، މައްސަލަތައް ތަހުގީގުކުރަން އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދު މުހައްމަދު މަގާމުން ވަކިނުކުރުމެވެ.
އޭނާ މަގާމުން ވަކި ނުކުރީ ކިހިނެއް ވެގެންތޯ ސުވާލު ކުރުމުން އޭސީސީން ބުނީ، ކުރީ ދައުރުގައި އޭސީސީގައި ތިބި މެމްބަރުން ސައީދު ވަކިކުރަން ލަފާ ދިން ކަމަށާއި ނަމަވެސް ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައި ނުވާކަމަށެވެ.