ރާއްޖޭގެ ކަންކަން ގޯހަށް ދިޔަނުދީ ރަނގަޅުކުރަން ނަޝީދު ވަރަށް މުހިންމު: ފައްޔާޒު

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

ދިވެހި ރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވާ ރަނގަޅު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް މުހިންމު ބޭފުޅެއް ކަމަށާއި އެމަނިކުފާނު އެމްޑީޕީ ދޫކުރައްވާ ވަޑައިގަތުމަކީ ޚިޔާލަށް ވެސް ގެނެސްފައިވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ ސިފަވެފައި އޮންނަނީ އެ ޕާޓީއަކީ ރައީސް ނަޝީދު ގޮތުގައި ކަމަށެވެ. އަދި ނަޝީދަކީ އަނިޔާވެރި ވެރިކަމެއް ނައްތާލުމަށް މަސައްކަތް ކުރެއްވި ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ކަންކަން އަދިވެސް ގޯހަށް ދިޔަނުދީ ރަނގަޅު ކުރުމަށްޓަކާ ރައީސް ނަޝީދަކީ ވަރަށް ވަރަށް މުހިންމު ބޭފުޅެއް،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން އެމްޑީޕީގައި ކުރެއްވި މަސައްކަތުން ގައުމަށް ހެޔޮ ބަދަލެއް އައިސްފައި ވާކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން މިދިޔަ އަހަރު ގެއްލުނީ ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލަތައް ޒާތީ މައްސަލަތަކަކަށް ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން އެބޭފުޅުންނަށް އަޅުގަނޑުމެންނާ އެއްކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މިނިވަން ރައްޔިތަކު އުޅޭތަނެއްގެ ގޮތުގައި ހިފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި، އެއީ ވަރަށް ބޮޑަށް އެދޭކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޑިމޮކްރެޓްސްގެ ލީޑާޝިޕާއެކު މަސައްކަތް ކުރެވިފައި ވުމުން ގުޅުން ރަނގަޅު ކަމަށެވެ. ނަމަވެސް، އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ރަސްމީކޮށް އަދި ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމުގެ ހާލަތާއި ގައުމުގެ ކުރިމަގާމެދު އޮތް ކަންބޮޑުވުންތަކުގެ ވާހަކަ ނުރަސްމީކޮށް ދެޕާޓީގެ މެދުގައި، ކޮފީމޭޒުތަކުގައި ދެކެވޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެކުގައި ކުރެވޭނެ ކަންކަން މަޝްވަރާ ކުރެއްވި ނަމަވެސް، އަދި ރަސްމީކޮށް މަޝްވަރާ ކުރުމާ ހަމައަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީގެ ރައީސް ނަޝީދާ އެއްވެސް ރުޅިވެރިކަމެއް ނޯންނަ ކަމަށާއި ދެބޭފުޅުންގެ ގުޅުން ރަނގަޅުކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ނަޝީދަކީ އޭނާ އަބަދު ވެސް ވަރަށް އިހުތިރާމު ކުރާ، ގާތް ބޭފުޅެއް ކަމަށެވެ.

"ދެ ފިކުރެއް ނޫން މީކީ ދެ ޕާޓީއެއްގައި ތިއްބަސް. ދެޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް މުސްތަގުބަލުގައި، މިހާރު ދިމާވެފައި އޮތް ކަންކަމުގެ ރަހަ މަޑުވެގެންގޮސް ކެންޑެމުން ގޮސް އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ނުކުރެވޭނެތަނެއް އަޅުގަނޑަކަށް ނުފެނޭ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުސްތަގުބަލުގައި ފެންނަނީ ދެޕާޓީ އެކުގައި މަސައްކަތް ކުރާތަން ކަމަށެވެ. ނަމަވެސް އެއީ ކޮން ގޮތަކަށް ކަމެއް އަދި ބުނަން ނޭންގޭކަމަށް އޭނާ ވިދާޅުވިއެވެ

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ކުރީގެ ރައީސް ޞާލިހާ ދެމެދު އުދެފުނު ޚިޔާލުތަފާތުވުން ތަކަކަށް ފަހު، ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފެއްދެވި ޕާޓީއެކެވެ.

ޕާޓީ އުފެއްދެވުމަށްފަހު، ޑިމޮކްރެޓްސްއިން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީއާ ދެކޮޅަށް ވާދަކޮށްފައެވެ.

ކުރީގެ ރައީސް ނަޝީދަކީ އެންމެ ގިނަދުވަސް ވަންދެން އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެވެ.

comment ކޮމެންޓް