ޙޫޘީންގެ ހަމަލާތަކެއް އިސްރާއީލަށާއި އިސްރާއީލުގެ އާގު ބޯޓަކަށް

ހޫޘީން އިއްޔެ ހަމަލާދިން ކަމަށް ބުނެ އާންމު ކުރި އިސްރާއީލުގެ އާގުބޯޓުގެ ފޮޓޯ

ސަންއާ (15 ޖުލައި 2024): ޔަމަންގެ ހޫޘީ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ދަށުން އެޖަމާއަތުން އިއްޔެ އިސްރާއީލުގެ އާގު ބޯޓަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ޙޫޘީންގެ ތަރުޖަމާނު ކާނަލް ޔަޙްހާ ސަރީޢު ވިދާޅުވިގޮތުގައި އިސްރާއީލު ކަނޑުގެ މަގުން ހިސާރު ކުރުމަށް ހިންގާ އޮޕަރޭޝަންތަކުގެ ދަށުން ޢަދަން ކަނޑުއޮޅީގައި އިއްޔެ ހިންގި ޙަރަކާތެއްގައި ޔަހޫދީންގެ އާގުބޯޓެއް ކަމުގައިވާ އެމްއެސްސީ ޔުނިފިކަށް ވަރުގަދަ ޙަމަލާތަކެއް ވާނީ ދީފައެވެ. އެ އުޅަނދަށް ޙަމަލާދިނީ ބަލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ކަމަށާއި ހަމަލާތަކަށްފަހު އެމްއެސްސީ ޔުނިފިކްގައި އަލިފާން ރޯވެފައިވާކަން ޔަޙްހާ ސަރީޢު ކަށަވަރު ކޮށްދެއްވިއެވެ.

މީގެއިތުރުން ހޫޘީން އިއްޔެވަނީ އިސްރާއީލުގެ ކަނޑުގެ ބަނދަރެއް ކަމަށްވާ އީލާތު ބަނދަރަށްވެސް ދުރުރާސްތާގެ ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައެވެ. ކާނަލް ޔަޙްހާ ސަރީޢު ވިދާޅުވިގޮތުގައި އީލާތަށް ދިން ހަމަލާތައް އަމާޒު ކޮށްފައިވަނީ އެ ސިޓީގެ ބަނދަރަށާއި އެސިޓީގައިވާ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށެވެ.

އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމުކަމަށްވާ އެމެރިކާއިންވަނީ ހޫޘީންގެ ޑްރޯންތަކެއް ރަތްކަނޑުގެ މަތިން ވައްޓާލި ކަމަށް ބުނެފައެވެ. އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ޔޫއެސް ސެންޓްކޮމް)އިން ބުނިގޮތުގައި ހޫޘީންގެ ޑްރޯންތައް ވައްޓާލާފައިވަނީ އެމެރިކާގެ ސިފައިންނާއި އެމެރިކާއާ ގުޅިފައިވާ ކޯލިޝަން ބާރުތަކުގެ އެހީގައެވެ.

އިސްރާއީލުގެ ދިފާއުގައި އަރަބި ކަނޑާއި ރަތްކަނޑުގައި ހަރަކާތްތެރިވާ މި ކޯލިޝަންގައި ހިމެނެނީ ވަރަށް މަދު ގައުމެކެވެ. މީގެތެރޭގައި އެމެރިކާގެ އިތުރުން ބޮޑު ގައުމެއްގެ ގޮތުގައި ހިމެނެނީ އިސްރާއީލުގެ ޓެރަރިޒަމަށް ދެވަނައަށް އެންމެބޮޑަށް އެހީތެރިވާ ގައުމެއްކަމަށްވާ އިނގިރޭސިވިލާތެވެ.

އިސްރާއީލުގެ ދިފާއުގައި ހަރަކާތްތެރިވާ ކޯލިޝަންގައި އެމެރިކާއަށް ބަރޯސާވާ އަރަބި ގައުމުތަކުގެ ތެރެއިންވެސް ބައިވެރިވަނީ އެންމެ ގައުމެކެވެ. އެއީ ބަހްރައިން އެވެ. އެމެރިކާއަށް ބަރޯސާވާ ސައޫދީ އާއި މިސްރާއި ޔޫއޭއީވެސްވަނީ މި ކޯލިޝަންގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ. އިނގިރޭސިވިލާތުގެ އިތުރުން މިކޯލިޝަންގައި ހިމެނެނީ އެމެރިކާގެ ނުފޫޒާއި ބާރު ހިނގާ ނޭޓޯގެ ބައެއް ގައުމުތަކެވެ.

އިސްރާއީލާ ދެކޮޅަށް ކަނޑުގެ މަގުން ހޫޘީން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ދަށުން ހޫޘީންވަނީ ޑްރޯންއާއި މިސައިލުން 220 އަށް ވުރެ ގިނަ ބޯޓުތަކަށް ހަމަލާތައް ދީ އޭގެތެރެއިން ބައެއް ބޯޓުތައް ކަނޑަށް ފައްތާލާފައެވެ. ހޫޘީން ހަމަލާދޭ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގުބޯޓުތަކާއި ތެޔޮ ޓޭންކަރުތަކެވެ. ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ފާއިތުވި އަށް މަސްތެރޭގައި މި ތިން ގައުމުގެ ކުންފުނިތަކަށް ލިބިފައިވާ ގެއްލުންތައް ހަތަރު ބިލިޔަން ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް