ޖަވާބުދާރީވާން ގަވަރުނަރު ހާޝިމް މިއަދު މަޖިލީހަށް ހާޒިރެއްނުވި

އޮގަސްޓް 22، 2021: އެމްއެމްއޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވާން ގަވަރުނަރަށް އަންގައިފައިވަނިކޮށް، ކޮމިޓީއަށް ހާޒިރު ނުވެވޭނެކަމަށް އަންގައިފިއެވެ.

ގަވަރުނަރު ހާޒިރުކުރުމަށް އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 11:00 އަށެވެ. މިއަދަށް އެޖެންޑާކުރިއިރު މިދިޔަ ހޯމަ ދުވަހު ވެސް ވަނީ ގަވަރުނަރު ހާޒިރުކުރަން ކޮމިޓީގައި އެޖެންޑާކޮށްފައެވެ. އެއީ ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުން ކެންސަލްވީއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ކޮމިޓީއަށް ހާޒިރުވުމަށް ހާޝިމް އުޒުރުވެރިވެވަޑައިގަތީ އޭނާ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

ގަވަރުނަރު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ވަނީ މީގެ ކުރިން ފާސްކޮށްފައެވެ.

ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެންބަރު ނާޒިމް ވަނީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަނިޓަރީ އޮތޯރިޓީގެ ގާނޫނު ބުނާ ގޮތުން ގަވަރުނަރު ވަކިކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ

comment ކޮމެންޓް