ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި، ބަޖެޓުގައި އެކަށީގެންވާ ފައިސާއެއް ނެތް: މުއްތަލިބު

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުއްތަލިބު: ވިދާޅުވީ ރައީސް ވިދާޅުވެފައިވާ ގޮތަށް ރަސްމާލެ މަޝްރޫއު އަށް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނުނިންމޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ނިމިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއުތައް ހުއްޓިފައިވާކަމަށާއި، މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މަޝްރޫއުތައް ހިންގަން އެކަށީގެންވާ ވަރަށް ފައިސާ ނެތް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ހުންނަވާ، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރުން ސުވާލުކުރިއިރު މިނިސްޓަރު އެންމެ ގިނައިން ވިދާޅުވި އެއް ވާހަކައަކީ، މިދިޔަ ފަސް އަަހަރުތެރޭ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ހުއްޓިފައިވާ ވާހަކައެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ނަރުދަމާ އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ގިނަ މަޝްރޫއުތައް މި ވެރިކަން ފެށުނުއިރު ވެސް ހުއްޓިފައިވާ ކަމަށެވެ. ހަމައެއާއެކު އެމްޑަބްލިއުއެސްސީން ވެސް ސަމާލުކަން ނުދީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ފުދޭވަރަކަށް މަސައްކަތް އެބަހުރި. އަޅުގަނޑުމެން ހަވާލުވުއިރު ގިނަ ރަށްތަކުގައި ވެސް ހުރީ ނަރުދަމާގެ މަސައްކަތްތައް ވެސް ހުއްޓިފައި. ފެނަކައާ ހަވާލު ކޮށްފައި ހުރި މަސައްކަތްތައް ވެސް މި ވަނީ އެއްކޮށް ހުއްޓިފައި، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ދެން ދެއްކެވި ވާހަކައަކީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި މަޝްރޫއުތަކަށް އެކަށީގެންވާ އަދަދަށް ފައިސާ ހިމަނާފައިނުވާ ވާހަކައެވެ.

މިނިސްޓަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއެކު މި އަހަރު ފެށޭނީ ކޮންކޮން މަސައްކަތްތަކެއްތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އެއީ ކޮންކޮން މަޝްރޫއުތަކެއްކަން އެނގޭނީ އެ ތަރުތީބު ކުރެވުމުން ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ބަޖެޓުގައި ވަރަށް ގިނަ މަޝްރޫއުތައް ހިމަނާފައި އެބަހުރި. އެހެންނަމަވެސް މި އަހަރަށް އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވަރަށް ފައިސާ ހިމަނާފައެއް ނެތް. މިސާލަކަށް ދަންނަވާނަމަ މިހާރު ކުރިއަށްދާ ކޯޒްވޭއަކަށް ފަހަރެއްގައި އިނދެދާނެ ދެ ތިން މިލިއަން ރުފިޔާ ޖަހާފައި. އެއީ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވިދާޅުވީ ޓާގެޓަކީ ދެ އަހަރު ތެރޭ ރައްޔިތުންނަށް ދޭން ޖެހޭ ނަރުދަމާ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ސާވޭތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށް ޓެންޑާއަށް ހުށަހަޅާފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.

comment ކޮމެންޓް