ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ބަހުގެ އެކެޑެމީން ފޮތް މައުރަޒެއް

ލިޔުންތެރީންގެ ދުވަހާ ގުޅުވައި ބަހުގެ އެކެޑެމީން ހުޅުވި ފޮތް މައުރަޒުގެ ތެރެއިން: މި ފޮތް މައުރަޒު މާދަމާގެ ނިޔަލަށް އޮންނާނެ -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު

ލިޔުންތެރީންގެ ދުވަހާ ގުޅުވައި "ފެންޑާ މައުރަޒު 2024"ގެ ނަމުގައި ދިވެހިބަހުގެ އެކެޑެމީން ފޮތް މައުރަޒެއް މިއަދު ހުޅުވައިފިއެވެ.

ދިވެހިބަހުގެ އެކެޑެމީގައި ކުރިއަށްދާ ފޮތް މައުރަޒު ހުޅުވައިދެއްވީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ލިޔުންތެރީންގެ ގުޅުމާ ގުޅިގެން ކުރިއަށްގެންދާ މި ފޮތް މައުރަޒު މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ލިޔުންތެރީންގެ ދުވަހާ ގުޅުވައި ބަހުގެ އެކެޑެމީން ހުޅުވި ފޮތް މައުރަޒުގެ ތެރެއިން: ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވާހަކަދައްކަވަނީ -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު

ފޮތް މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ، މި މައުރަޒަކީ ދިވެހިބަހުގެ ފޮތްތައް ލިޔުއްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މައުރަޒެއް ކަމަށެވެ.

އެ ގޮތުން، މި މައުރަޒުގައި ދިވެހިބަހުގެ އެކެޑެމީން ނެރެފައި ހުރި ފޮތްތައް ވެސް ލިބެން ހުންނާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މައުރަޒު މެދުވެރިކޮށް ފޮތް ލިޔުއްވާ ލިޔުންތެރީންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ލިޔުންތެރީންގެ ދުވަހާ ގުޅުވައި ބަހުގެ އެކެޑަމީން ހުޅުވި ފޮތް މައުރަޒުގެ ތެރެއިން: ފޮތް މައުރަޒު ހުޅުވައިދެއްވާ އައްބާސް އިބްރާހީމް ވާހަކަދައްކަވަނީ -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު

ފޮތް މައުރަޒު ހުޅުވައިދެއްވާ ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ދިވެހީންގެ ތެރޭގައި ފޮތް ކިޔާ މީހުން އިތުރުވަމުން ދިއުމަކީ އުންމީދެއް ކަމަށެވެ. އެ ގޮތުން، މިއަދު ހުޅުވި ފޮތް މައުރަޒަކީ އެ އުންމީދު ހާސިލުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.

އެކެޑެމީގެ ރައީސް މި އެކެޑަމީއާ ހަވާލުވި ފަހުން މިއީ މި މައުރަޒު ބާއްވާ ތިންވަނަ ފަހަރު. އެނގިވަޑައިގަންނަވާނެ ފަދައިން މި ޒަމާނަކީ ވަރަށް ބޮޑަށް އޮންލައިންކޮށް ނޫސްތަކާއި ލިޔުންތައް ވެސް ހުންނަ ޒަމާން. އެހެންނަމަވެސް ދަންނަވަންތޯ މި ޒަމާނުގައި ވެސް ފޮތްތެރިކަން އެއީ ގެއްލިގެންދާ ކަމެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފޮތްތެރިކަން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ފޮތް ލިޔާ މީހުން ވެސް މިދަނީ އިތުރުވަމުން. ފޮތް ކިޔާ މީހުން ވެސް ދަނީ އިތުރުވަމުން، އައްބާސް އިބްރާހީމް

އައްބާސް ވިދާޅުވީ، މި މައުރަޒަކީ ލިޔުންތެރީންނަށް ލިބޭ ވަރަށް ވަރުގަދަ ހިތްވަރެއް ކަމަށެވެ.

"ފެންޑާ މައުރަޒު 2024"ގައި ދިވެހިބަހުގެ އެކެޑެމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، އަދަބީ ފޮތްތަކާއި ވާހަކަ އަދި ނާވިލު ލިބެން ހުންނާއެވެ.

ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ބަހުގެ އެކެޑަމީން ހުޅުވި ފޮތް މައުރަޒުގެ ތެރެއިން: ފޮތް މައުރަޒުގައި ހުރި ފޮތްތައް ބައްލަވަނީ -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު

އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ފޮތްތަކަކީ:

  • ދިވެހިބަހުގެ ގަވާއިދު 1،2،3،4
  • ބަހުގެ ހަމައިގެ އަތްމަތީ ފޮތް
  • ފަހުބަސް
  • ޖަމީލުގެ ޑްރާމާތައް
  • ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ "ދިވެހިރާއްޖޭ ރަހުންނާއި ރަނިން"ގެ އިނގިރޭސި ފޮތާއި ދިވެހި ފޮތް
  • ބައެއް އަމިއްލަ ފަރާތްތަކުގެ ފޮތްތައް

ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ބަހުގެ އެކެޑެމީން ހުޅުވި ފޮތް މައުރަޒުގެ ތެރެއިން: ފޮތް މައުރަޒުގައި ހުރި ފޮތްތައް އައްބާސް ބައްލަވަނީ -- ފޮޓޯ/ އިސްމާއިލް އަބްދުލްޣަފޫރު

ދިވެހިބަހުގެ އެކެޑެމީން ބުނީ، މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ ދިވެހިބަހުގެ އެކެޑެމީން އާންމުކޮށް ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައި ކަމަށެވެ.

މި އަހަރުގެ ފޮތް މައުރަޒު އޮންނާނީ މިއަދާ މާދަމާގެ ހެނދުނު 10:00ން ހަވީރު 18:00ށް ދިވެހިބަހުގެ އެކެޑެމީގައެވެ.

comment ކޮމެންޓް